ސީއެސްސީގެ މެންބަރުކަމަށް 3 ނަމެއް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރަން ތިން ބޭފުޅެއްގެ ނަން ވަނީ ފޮނުއްވާފައި --- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރަން ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ސީއެސްސީގެ މެންބަރެއްގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އޭނާގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެހެންވެ، ސީއެސްސީގެ މެންބަރުކަމަށްވާން ޝައުގުވެރިކަން ފާޅުކުރަން އާންމުކޮށް ހުޅުވައިލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަންފުޅު މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެއީ:

  • އަބްދުލް ހަސީފު އިސްމާއިލް - ދަފުތަރު ރސ. 7505
  • ފާތިމަތު ހަބީބާ - ދަފުތަރު ރސ. 9472
  • މަރިޔަމް ޝާހިދާ - މއ. ފޮރެސްޓް

އެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ ނިންމަވައިފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސީއެސްސީގައި މިހާތު ތިއްބަވަނީ ހަތަރު މެންބަރުންނެވެ. އެއީ، ކޮމިޝަނުގެ ރައީސް އިބްރާހިމް ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދާއި މެންބަރު މުހައްމަދު ފަރުޝަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.

comment ކޮމެންޓް