ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް، ޓިކެޓު ކަށަވަރުކޮށްފައި އޮއްވައި ޕާޓީން ވަކިކޮށް ޓިކެޓު އަތުލި ނަމަވެސް ކާށިދޫ ދާއިރާއަށް ވާދަކޮށް، ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް މިހާރު ވެސް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވައި އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
އަޚުލާގީ މައްސަލައެއް ބެލުމަށް ފަހު، އިދިކޮޅު އެމްޑީޕީގެ ފިޔަވަޅު އަޅައި ކޮމިޓީން ރޭ ވަނީ ޖާބިރު ޕާޓީން ވަކިކޮށް، ޓިކެޓު އަތުލަން ނިންމައިފައެވެ.
އެ ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، މިއަދު 'ސަން'އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، އެ މައްސަލަ މަދަނީ ކޯޓަށް ވެސް ހުށަހަޅާނެ ކަމަށާއި އަދި ޕާޓީގެ އިސްތިއުނާފު ކޮމިޓީގައި ވެސް އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
ވާދަ ވެސް ކުރާނަން. ގޮނޑި ވެސް ނަގާނަން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
އޭނާ ވަނީ ޕާޓީން ވަކިކޮށް، ޓިކެޓު އަތުލުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޖާބިރު ވިދާޅުވީ، ޕާޓީން ވަކިކޮށް އޭނާގެ ހައްގަށް އަރައިގެން މައްސަލަ މަދަނީ ކޯޓަށް ހުށަހަޅާނެ ކަމަށާއި އަދި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާފައި ވަނިކޮށް، ޖާބިރު ޕާޓީން ވަކިކޮށް ޓިކެޓު އަތުލަން ނިންމާފައިވަނީ ރަށްރަށުގެ ރައްޔިތުންނާ ބޭއަދަބީކޮށް ވާހަކަދައްކައި ވީޑިއޯތަކެއް މީސްމީޑިއާގައި ލީކުވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރުގެ ދަރިކަލުން މުއާޒް އަބްދުﷲ ޖާބިރު ވެސް ވަނީ މަހިބަދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ.
އެ މައްސަލަ ބެލުމަށް ފަހު، އެމްޑީޕީން ނިންމާފައިވަނީ ޖާބިރުގެ ޓިކެޓު އަތުލައި، ޕާޓީން ވަކިކުރާށެވެ. އަދި، އަލުން އޭނާ އެމްޑީޕީއަށް ވަންނައިރު، ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް ވެސް ވަނީ ނިންމައިފައެވެ. ކުރިއަށް އޮތް ފަސް އަހަރު އޭނާއަށް އެމްޑީޕީގެ މަގާމެއް އަދާނުކުރެވޭނެ ކަމަށް ވެސް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމިއެވެ.
ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން އިސްތިއުނާފު ކޮމިޓީގައި އިސްތިއުނާފު ކުރުމުގެ ހައްގު ޖާބިރަށް އަދި އޮންނާނެއެވެ.