ނައިބު ރައީސްގެ ޔުގަންޑާ ދަތުރުފުޅަށް 9 ލައްކަ ރުފިޔާ ޚަރަދުވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް: އެ މަނިކުފާނުގެ ޔުގެންޑާ ދަތުރުފުޅަށް ނުވަ ލައްކަ ޚަރަދުވި -- ފޮޓޯ: ރައީސް

މިދިޔަ މަހުގެ 17 އިން 23އަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ޔުގަންޑާގެ ކެމްޕާލާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މި ސަރުކާރުން އަންނަނީ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އިސްވެ ހާމަކުރަމުންނެވެ.

ނައިބު ރައީސްގެ ޔުގަންޑާ ދަތުރުފުޅުގައި ޖުމުލަ 10 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުންގެ ޓިކެޓަށް ޖުމުލަ 650،847.36 ރުފިޔާ ހޭދަވިއެވެ. އެއީ، ބިޒްނަސް ކްލާހުގެ ތިން ޓިކެޓާއި އިކޮނަމީ ކްލާހުގެ ހަތް ޓިކެޓެވެ.

މީގެ އިތުރުން، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަން 10 ބޭފުޅުންނަށް ޕޮކެޓު މަނީގެ ގޮތުގައި 95،232 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ބޮލަކަށް ޕޮކެޓު މަނީގެ ގޮތުގައި 9،000 އަށް ވުރެ ގިނަ ރުފިޔާއެވެ.

ދަތުރުފުޅުގެ އިތުރު ބައެއް ޚަރަދުތައް:

  • ފަރިއްކޮޅު - 48،736.74 ރުފިޔާ
  • ސްޓޮޕްއޯވާ - 18،949 ރުފިޔާ
  • އިންސިޑެންޓަލް - 441.27 ރުފިޔާ
  • އެކަމަޑޭޝަން - 169،280.76 ރުފިޔާ

މި ދަތުރުފުޅުގެ ދެ ބޭފުޅަކަށް ޔުގަންޑާގެ ސަރުކާރުން މެހުމާންދާރީ ހަމަޖައްސައިދެއްވިއިރު، އިތުރު ދެ ބޭފުޅަކަށް އެކަމަޑޭޝަން ހަމަޖައްސައިދެއްވިއެވެ.

ނައިބު ރައީސް ޔުގަންޑާއަށް ވަޑައިގަތީ 120 މެންބަރު ގައުމު ހިމެނޭ ނޮން އެލައިންޑް މޫވަމަންޓު (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާށެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި މުހިއްމު ތިން ކަމެއް ހާސިލުވީ ކަމަށެވެ. އެއީ،

  • ފަލަސްތީނު މައްސަލައަށް ހައްލެއް ހޯދަން ބައިނަލްއަގުވާމީ އިސް ފަރާތްތަކާ އެކު މަޝްވަރާ ކުރުން
  • ތިމާވެށީގެ މައްސަލަ ހައްލުކުރަން ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މަޝްވަރާކުރުން
  • ތަރައްގީއަށް ބޭނުންވާ ބޭރުގެ ބައެއް އިންވެސްޓްމަންޓުތަކާ މެދު މަޝްވަރާކުރެވި، އެ ކަންކަމަށް މަގު ހުޅުވުން
comment ކޮމެންޓް