މިއަދު ރާއްޖޭގެ އިގުތިޞާދީ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް މަޝްރޫއުތައް އިއުލާނު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގައެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދެ މަސްދުވަހަކީ ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ. ސަބަބަކީ ނިމުނު ސަރުކާރުން، މި ސަރުކާރަށް އިގުތިޞާދު ވާރުތަކުރިއިރު އޮތީ ވަރަށް ގޯސް ހާލަތެއްގައިކަމަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެެހެންނަމަވެސް އަޅުގަނޑުމެންނަށް މި ނިމިދިޔަ ސަރުކާރުން ވާރުތަވީ އިގުތިޞާދީ ހާލަތު އޮތް ގޮތަކީ އެއީ ހަގީގަތެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ދުވަހަކު ވެސް ރާއްޖޭގެ އިގްތިޞާދު ވައްޓައިނުލާ ވަރުގެ އަނދަވަޅަކަށް ވައްޓައިލައިފައި އޮތްކަން އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ޖީބަށް ފައިދާވެ، ފުދުންތެރިވާހެން މަސައްކަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި، ވާރުތަވެފައިވާ އިގުތިޞާދީ ދަށް ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ ހާލަތާ އެކު ކޮންމެ ރަށަކުން ވެސް ރައްޔިތުން އެ ރަށެއްގައި ހިންގަން އެންމެ އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ތަރުތީބުކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ހަމައެއާ އެކު ކުރިއަަށް ވެސް އޮތީ އިންތިޚާބީ މޫސުމެއް ނަމަވެސް، އިންތިޚާބާ ދިމާކޮށް ކަޑަޖައްސަވައި، މަޝްރޫއުތައް އިއުލާނު ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކުރިއަށްދާކަމުގައި ވަންޏާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މަގުތައް ދާނީ އުޖާލާވަމުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނު އެންމެ ގިނައިން ވެވަޑައިގެންނެވި ވައުދަކަށް ވާނީ، ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކާއި ވެވަޑައިގަންނަވާ ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަން ކަމަށެވެ. އެކަން އެގޮތަށް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިން ދުވަހަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު މި އަތޮޅުގެ އިތުރު އަށް ރަށަކަށް ވަޑައިގަންނަވާނެއެވެ.
އެންމެ ފުރަތަމަ ރައީސް ގުރައިދޫއަށް ވަޑައިގެންނެވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ މަނިކުފާނަށް އިންތިޚާބުގެ ވޯޓުން އެންމެ މަތީ ޕަސެންޓު ހޯދައިދިން ރަށުންކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާތީއެވެ.