ބަޖެޓުގައި ނެތްނަމަވެސް މި އަހަރު ގުރައިދޫ އެއާޕޯޓުގެ މަސައްކަތް ފަށާނަން: ރައީސް

ރައީސް ތ. ގުރައިދޫއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފިސް

ރިޔާސީ ވައުދުފުޅެއްކަމަށްވާ ތ. ގުރައިދޫ އެއާޕޯޓު މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ނުހިމަނާ އޮތްނަމަވެސް އެ މަޝްރޫއު ހިންގަވަން ގޮތެއް ފަހިކުރައްވާ މި އަހަރު މަސައްކަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަތޮޅު ތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ތ. ގުރައިދޫއަަށް ވަޑައިގެން ވާހަކަފުޅުދައްކަވަަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން، އިންތިގާލީ މަރުހަލާގައި ދިނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ އާ ސަރުކާރުން ބޭނުންވީ މަޝްރޫއުތައް ހިމަނަން އޮތް ފުރުސަތު ހަނިވީކަމަށެވެ.

އެގޮތުން ފުށިދިއްގަރުފަޅު ހިއްކަން އޮތް މަޝްރޫއުގެ ބަޖެޓުގައި ހިމެނި ނަމަވެސް ބަޖެޓު ފާސްކުރިއިރު އެ މަޝްރޫއު އުނިކުރީ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ހުރި އެ ފަދަ ގިނަ ކަންކަމަށް ހުރަސް އެޅީކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެފަދައިން ރައީސްގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ގުރައިދޫ އެއާޕޯޓުގެ މަސައްކަތް ވެސް ބަޖެޓުގައި ނުހިމަނާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މި އަހަރު އެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ތ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ އެ ރަށު އެއާޕޯޓުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް -- ފޮޓޯ/ ސަރުކާރު

"އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑު ވައުދުވީ ގޮތަށް ބަޖެޓުން އަދި އެ ބޭފުޅުން މި ރަށުގެ އެއާޕޯޓު ހެދުމަށް ޖާގަ ދީފައިި ނެތްނަމަވެސް އިރާދަކުރެއްވިއްޔާ މި އަހަރު އެއާޕޯޓު މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އެ ކަން ކުރެވޭނެ ގޮތެއް ހޯއްދަވާނެކަމަށެެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދެ މަސްދުވަހަކީ ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ. ސަބަބަކީ ނިމުނު ސަރުކާރުން، މި ސަރުކާރަށް އިގުތިޞާދު ވާރުތަކުރިއިރު އޮތީ ވަރަށް ގޯސް ހާލަތެއްގައިކަމަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ ރަށަކުން ވެސް ރައްޔިތުން އެ ރަށެއްގައި ހިންގަން އެންމެ އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ތަރުތީބުކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.

"ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކުރިއަށްދާކަމުގައި ވަންޏާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މަގުތައް ދާނީ އުޖާލާވަމުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނު އެންމެ ގިނައިން ވެވަޑައިގެންނެވި ވައުދަކަށް ވާނީ، ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކާއި ވެވަޑައިގަންނަވާ ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަން ކަމަށެވެ.

ރައީސް މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގަތުން: އެ މަނިކުފާނު އެ އަތޮޅުގެ އަށް ރަށަކަށް ވަޑައިގަންނަވާނެ -- ފޮޓޯ/ ރައީސް އޮފީސް

މި ޖަލްސާގައި މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި ރައީީސްގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަހީމް ވެސް ވަހަކަދެއްކެވިއެެވެ. ވިދާޅުވީ ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ ބޮޑުވާނެ ކަމަށެވެ.

"މިއަދު މި އޮތް ސަރުކާރު ގެނައީ ދިވެހި ރައްޔިތުން. މިއީ ރައްޔިތުން ގެނައި ސަރުކާރެއް،" އަބްދުއްރަހީމްގެ ވާހަކައިގައި ވިދާޅުވިއެވެ.

ތިން ދުވަހަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު މި އަތޮޅުގެ އިތުރު އަށް ރަށަކަށް ވަޑައިގަންނަވާނެއެވެ.

އެންމެ ފުރަތަމަ ރައީސް ގުރައިދޫއަށް ވަޑައިގެންނެވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ މަނިކުފާނަށް އިންތިޚާބުގެ ވޯޓުން އެންމެ މަތީ ޕަސެންޓު ހޯދައިދިން ރަށުންކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާތީއެވެ.

comment ކޮމެންޓް