މަސްވެރިކަން ކުރިއަރުވަން ސައުދީން އެހީވަނީ

މިނިސްޓަރު ޝިޔާމް ކަހުތާނީއާ ބައްދަލުކުރެއްވުން --- މިނިސްޓްރީ

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ހާސިލުކުރުމަށާއި ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އެޗްއީސީ ފައިސަލް އަލް ކަހުތާނީ ދެއްވައިފިއެވެ.

ފިޝަރީސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ސައުދީއަށް ވަޑައިގެން ކަހުތާނީއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެސްއެފްޑީގެ ދަށުން މަސްވެރިކަމުގެ ތަރައްގީގެ މަޝްރޫތަކާމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެެވެ. އެގޮތުން ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާ މެދު މަޝްވަރާކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބައްދަލުވުމަށް ފަހު މިނިސްޓަރު ޝިޔާމް ވިދާޅުވީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމަންޓުގެ ޑެޕިއުޓީ ސީއީއޯއާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ވެދެއްވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަމުގައި ދެ ފަރާތުން ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރު ޝިޔާމް ވަނީ އެސްއެފްޑީގެ މަސައްކަތްތައް ބައްލަވައިލައްވާފައިއެވެ.

comment ކޮމެންޓް