އިންތިޚާބުވެވަޑައިގަތުމުންވީ ވައުދުފުޅާ އެއްގޮތަށް ރައީސް ތ. އަތޮޅަށް ވަޑައިގެންފި

ރައީސް މުއިއްޒު ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅު ފެއްޓެވުން -- ފޮޓޯ/ ރައީސް އޮފީސް

ތ. ގުރައިދޫއިން، މުޙައްމަދު ނާއިލް ޙަފީޒް

ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެން ކާމިޔާބީއާއެކު އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ހޯދައިދިން ތ. އަތޮޅު ގުރައިދުއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.

ތިން ދުވަހަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު މި އަތޮޅުގެ އަށް ރަށަކަށް ވަޑައިގަންނަވާނެއެވެ.

އެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ރައީސް ވަޑައިގަންނަވާނީ ގުރައިދޫއަށެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ މަނިކުފާނަށް އިންތިޚާބުގެ ވޯޓުން އެންމެ މަތީ ޕަސެންޓު ހޯދައިދިން ރަށުންކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާތީއެވެ.

https://sun.mv/181629

"އަޅުގަނޑުމެން މި ތިބީ ވަރަށް އުފަލުން. އެއީ ރައީސް ވެރިކަމާ ހަވާލުވެ އަޅުގަނޑުމެންގެ ގާތަށް ވަޑައިގަންނަވާތީ،" ގުރައިދޫއިން ވާހަކަދެއްކި ރައްޔިތަކު ބުންޏެވެ.

ގުރައިދޫއަށްފަހު ދެން ވަޑައިގަންނަވާނީ، ދިޔަމިގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، އޮމަދޫ އަދި ކިނބިދޫއަށެވެ.

މިއިން ކޮންމެ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެ ރަށެއްގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެއެވެ.

އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް