ގުރައިދޫއަށް މުއިއްޒު އެއާޕޯޓެއްގެ ވައުދު: ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅައިލަނީ

މުއިއްޒު ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނާއި އެ ރަށު ރައްޔިތުންނާއެކު --

ތ. ގުރައިދޫއިން، ޢާލިމް އަބްދުއްލަތީފް

ތ. ގުރައިދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެކަމަށާއި އެ އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅައިލައްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެެއެވެ.

މިއަދު ތ. ގުރައިދުއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ރަށަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވައިފައިވާ ކަމަށެވެ. ދެން ބޭނުންވަނީ އެ ތަރައްގީގެ ރަންޒަަމާން ކުލަ އަނބުރާ ގެންނަން ކަމަށާއި މި ސަރުކާރުގެ ފަސް އަހަރަކީ މާޔޫސީ ފަސް އަހަރުކަަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ވެފައިވާ ވައުދުތަކެއް ނުފުއްދޭ. އެކަން ފެންނަމުންދަނީ އެންމެ ރަށަކުން ދެ ރަށަކުން ނޫން،" މުއިއްޒު ވިދާޅުވިއެވެ.

"މި ދާއިރާގެ ތަރައްގީއަށް ޓަކައި ތިޔަ ބޭފުޅުން ކުރައްވާ އުންމީދުތަކަކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ހަގީގަތަަކަށް އަޅުގަނޑުމެން ހަދައިދޭނެ ކަމެކޭ،"

މުއިއްޒު ވިދާޅުވީ ގުރައިދުއަށް އެންމެ މުހިންމުކަމަކީ އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުންކަމަށެވެ. އަދި އެ ކަން ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި އަތޮޅަށް ޓޫރިޒަމް މިހާރަށްވުރެ ބޮޑަށް ތައާރަފްވާން ޖެހޭ ކަމަށާއި އެ ކަން ފުޅާކޮށް ހުރިހާ ރައްޔިތުންނަށް އޭގެ އިގްތިސޯދީ ނަފާ ލިބޭނެ ގޮތް ހަދަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ގުރައިދޫގައި ވާހަކަ ދައްކަވަނީ --

އޭނާ ވިދާޅުވީ ރިސޯޓް ތަރައްގީކުރުން، ލޯކަލް ޓޫރިޒަމް އަދި ސިޓީ ހޮޓާފަދަ ޓޫރިޒަމްގެ އެކި މަޝްރޫތައް ހިންގަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާ ވައުދެއް ވިއްޔާ ހާސިލުކޮށްދޭނަން. ހަގީގަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވިއެވެ.

ގުރައިދުއަށް މިހާރު ބޭނުންވަނީ ސިއްހީ މަރުކަޒެއް ނޫންކަމަށާއި އެ ތަން ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހައްދަވާނެކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވަނީ ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅައިލައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ދިޔަމިގިލީ ސްކޫލުގެ ޖާގަ އިތުރުކުރުމަށް 10 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

އެ ދާއިރާގައި އޮންނަ ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ރަނގަޅުކޮށް ސިއްހީ ޚިދުމަތް ވެސް ރަނގަޅުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ގުރައިދޫގައި އެއާޕޯޓު އަޅާއިރު، ގާދިއްފުއްޓަށް ބޭނުންވާ ބިން ވެސް އިތުރުކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއަދު އެ އަތޮޅު ވިލުފުއްޓަށް ވަޑައިގެން އެ ރަށުގެ އެއާޕޯޓްގެ ހުވަފެނުގައި ވެސް ކުލަޖައްސައިދެއްވާ ހަގީގަތަކަށް ހަދައިދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް