ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ ޗިލީގެ މެދުތެރޭ ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ސަރަހައްދަށް ފެތުރި، އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 112 އަށް އަރައިފިއެވެ.
އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރެމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލްކޮށް، ނިއްވައިލަން އެ ގައުމުގެ އިދާރާތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ހާދިސާއާ ގުޅިގެން ޗިލީގައި މިހާރު ވަނީ ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.
އެ ހާދިސާގައި އެތައް ބަޔަކު ގެއްލިފައިވާ ކަމަށާއި މަރުވެފައިތިބި އިތުރު މީހުން ފެންނާނެ ކަމަށް ބެލެވޭ ކަމަށް މީހުން ހޯދުމާއި އަލިފާން ނިއްމުވުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލުން ހާމަކުރެއެވެ.
ހުކުރު ދުވަހު ރޯވެފައިވާ އެ އަލިފާންގަނޑުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ވަލްޕަރައީސޯ ސަރަހައްދަށެވެ. އެއީ, ގާތްގަނޑަކަށް އެއް މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. އަލިފާންގަނޑުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ވަލްޕަރައީސޯގައި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރަށެއް ކަމުގައިވާ ވިންޏާ ދެލް މާރަށެވެ.
އެއީ, 2010 ވަނަ އަހަރު ޗިލީއަށް އައި ނުރައްކާތެރި ބިންހެލުމަށް ފަހު, އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ކާރިސާގެ ގޮތުގައި ޗިލީގެ ދާޚިލީ ވަޒީރު ކެރޮލީނާ ތޯހާ ވަނީ ސިފަ ކުރައްވައިފައެވެ. ބިންހެލުމުގައި 500 މީހުން ވަނީ މަރުވެފައެވެ.
ހޫނު މޫސުމުގައި ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ޗިލީގައި އާންމު ކަމެކެވެ. ހުސްވި އަހަރުގެ ހޫނު މޫސުމުގައި އެ ގައުމުގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް އުފުލި, ހޫނުގެ ތޫފާނެއް ކުރިމަތިވެފައިވެއެވެ. އެ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކާއި, ގަދަ ހޫނާ ގުޅިގެން 27 މީހުން މަރުވިއެވެ. އަދި, ޖަންގަލިތަކުގައި ރޯވެ, 400,000 ހެކްޓަރުގެ ބިން ވަނީ އަނދައިގެން ގޮސްފައެވެ.