ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ގޯއްޗާ ހަވާލު ނުވާ މީހުންނަށް އަންނަ ބުދަ ދުވަހުން ފެށިގެން ގޯތީގެ ރަޖިސްޓަރީ އާއި ގޯތި ލިބުނު ކަމުގެ ލިޔުން ދޫކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓަރީ އާއި ގޯތި ލިބުނު ކަމުގެ ލިޔުން ބުދަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 14:00އިން ފެށިގެން 18:00 އާ ދެމެދު މިނިސްޓްރީން ލިބޭނެ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދާނީ އެ މިނިސްޓްރީން އަންގާ ތަރުތީބަކުން ކަމަށް ވެސް ބަޔާނުގައިވެއެވެ. އެގޮތުން އެ ދުވަހަކު ސޮއި ކުރާނޭ މީހުން ހާޒިރުވާނެ ގަޑިއާއި ތާރީޚު އެ މިނިސްޓްރީން އެ މީހަކަށް އަންގައި ތަރުތީބަކުން ތާވަލު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ އިތުރު މައުލުމާތު ހޯދުމަށް އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.
އިއްޔެ 'ރައީސް ގެ ޖަވާބު'ގައި އެ މަނިކުފާނު ވަނީ، ގިރާވަރުފަޅާއި ގުޅީފަޅުންނާއި ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ގޯތި ލިބުނުކަމުގެ ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ތެރެއިން މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.
އެ ދައުރު ނިމުމުގެ ކުރިން އޭރުގެ ސަރުކާރުން ގޯތިތަކުގެ ރަޖިސްޓްރީ ދޭން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ނިމިފައިނުވެއެވެ.