''ވާނުވާ'' ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށަނީ

މާފުށި ޖަލު: ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަަމަށް ރައީސް ވިދާޅުވި ----

ޖަލަށްލައި، އަބަދު ދެވޭ ނިސްބަތް މަޑުކޮށް، އެކިއެކި ކުށްތަކުގައި ތަހުގީގުގައި 'ވާނުވާ'ގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ވަނީ އިއްވަވައިފައެވެ. އެ ބަޔާނުގައި މުހިއްމު ގިނަ ދާއިރާތަކަކުން ގިނަ ކަންތައްތަކަކަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

ރައީސް ވިދާޅުވީ، ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ކުށް މަދުކުރުން ކަމަށެވެ. އަދި، ކުށް ކުރާ މީހުންނަށް ރަނގަޅު މަގު ދައްކައި، އަލުން މުޖުތަމައަށް ގެނައުމަކީ ސަރުކާރުގެ ސިޔާސަތުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، "ވާނުވާ"ގައި، އާދެ، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ވަޢުދެއް. ތަޙުޤީޤަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން، ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން މި ފެށުނު މަޖިލީހުގެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމާ އެކު އެ ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒަކައިނުލާ ކަމަށެވެ. ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ވެސް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރަން ވެސް މި ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ބޭފުޅަކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

comment ކޮމެންޓް