ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާ އެއްވަނައަށް އަރައިފި

ފަތުރުވެރިންތަކެއް ވީއައިއޭގައި މަޑުކޮށްލައިގެން: ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާ އެއްވަނައަށް އަރައިފި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 29ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ތިންވަނަގައި އޮތް ޗައިނާ، މިހާރު މާކެޓުގެ އެއްވަނައަށް އަރައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ އެ މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި، 23,972 ފަތުރުވެރިންނާ އެކު މާކެޓުގެ އެއްވަނަގައި ޗައިނާ އޮތްއިރު، 21,898 ފަތުރުވެރިންނާ އެކު މާކެޓުގެ ދެވަނަގައި އޮތީ ރަޝިއާއެވެ.

އަދި، މާކެޓުގެ ތިންވަނަގައި އޮތް އިޓަލީން އައިސްފައިވަނީ 21,321 ފަތުރުވެރިންނެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް 22,085 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، 31.2 އިންސައްތަ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ ތިނެއްގެ ނިޔަލަށް އައިސްފައިވަނީ 16،833 ފަތުރުވެރިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި މުޅީން އަލަށް، މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެ ކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް