އިމްރާނާއި އަނބިކަނބަލުންގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާނާއި އަނބިކަނބަލުން ބުޝްރާ ބީބީ. ފޮޓޯ/އަލްޖަޒީރާ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައި އެ ދެމީހުންނަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އިމްރާން ޚާން ހުންނެވި އަޑިއާލާ ޖަލުގައި ހަދާފައިވާ ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ 2018 ވަނަ އަހަރު އިމްރާނު ބުޝްރާއާ ކައިވެނިބައްލަވައިގަތީ ބުޝްރާ އެހެން މީހެއްގެ އިއްދައިގައި އިންދައި ކަމަށެވެ. އެ މައްސަލައިގައި ކޯޓުން ވަނީ އެ ދެ މީހުންގެ ކައިވެނި ބާތިލުކޮށްފައެވެ.

ޖަލު ހުކުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 3560 ޑޮލަރު ދައްކަންވެސް ވަނީ ހުކުމް ކޮށްފައެވެ.

އިމްރާން އާއި ބުޝްރާ ކައިވެނި ބައްލަވައިގަތީ އިމްރާން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިންނެވެ. މި ކައިވެނީގެ މައްސަލަ ހުށަހެޅީ ބީބީގެ ކުރީގެ ފިރިމީހާ ޚަވާރް މަނެކާއެވެ.

މަނެކާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާ ބީބީ ވަރިކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އިމްރާން އޭނާގެ ތިން ވަނަ ކައިވެނި ބުޝްރާއާ ކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ދައުލަތުގެ ސިއްރުތަކެއް ހާމަކުރި ކަމުގެ މައްސަލައެއް ސާބިތުވެ އިމްރާނަށް މިދިޔަ ބުދަ ދުވަހު ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމާއެކު މިއީ އިމްރާނަށް ހަފުތާއެއް ތެރޭ އިއްވި ތިން ވަނަ އަދި ބުޝްރާއަށް އިއްވި ދެ ވަނަ ޖަލު ހުކުމެވެ.

މި ހުކުމްތައް އިއްވާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބު ކައިރިވެފައި ވަނިކޮށެވެ. ރިޝްވަތުގެ މައްސަލައެއް ސާބިތުވެ އިމްރާނަށާއި ބުޝްރާއަށް މީގެކުރިން ވަނީ 14 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.

ރިޝަވްތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިމްރާންގެ މައްޗަށް ވަނީ އިއްވައިފައެވެ. އެ ހުކުމާއެކު މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އޭނާ ގެންދެވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމާ ގުޅިގެން އިމްރާނަށް ވަނީ ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވެސް ގެއްލިފައެވެ.

އެ ޖަލު ހުކުމުތަކަކީ އިމްރާންގެ ސިޔާސީ މަސައްކަތް ހުއްޓުވަން އަސްކަރިއްޔާ އަޑީގައި އޮވެގެން ކުރުވާ ކަންތައްތަކެއް ކަމަށް އޭނާއާއި އޭނާ ނިސްބަތްވާ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި)އިން ތުހުމަތުކުރެއެވެ.

comment ކޮމެންޓް