ޣައްޒާ ހަނގުރާމަ ހުއްޓައިލިޔަސް ހިޒްބުﷲ އަށް ހަމަލާ ދޭނަން: އިސްރާއީލް

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ޔަލަންޓް.ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލިޔަސް ލުބުނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އާއި ދެކޮޅަށް އިސްރާއީލުން ދެމުންގެދާ ހަމަލާތައް ހުއްޓައިނުލާނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ޔަލަންޓް ވިދާޅުވެއްޖެއެވެ.

ޔަލަންޓް އެގޮތަށް ވިދާޅުވީ ގޯލާން ހައިޓްސްގައި ހަރަކާތްތެރިވާ އިސްރާއީލުގެ ރިޒާވް ފޯސްތަކަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

"ދެކުނުގައި ހަނގުރާމަ ހުއްޓާލާއިރަށް ހިޒްބުﷲއަށް ހަމަލާދިނުން ވެސް ހުއްޓައިލާނެ ކަމަށް ހީކޮށްފިނަމަ، އެއީ ހަދާ ބޮޑު ގޯހެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ އުތުރުގެ ރައްޔިތުންނަށް ރައްކާތެރިކަން އަލުން ހޯދައިދެވޭނެ ހާލަތަކަށް އަޅުގަނޑުމެން ނުދެވޭހާ ހިނދަކު، ހަމަލާ ދިނުން ހުއްޓާނުލާނަން," ޔަލަންޓް ވިދާޅުވިއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން ހިޒްބުﷲ އާއި ފަލަސްތީނަށް ތާއީދުކުރާ އެހެން ޖަމާއަތްތަކުން ވެސް އަންނަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.

އެގޮތުން ހުކުރު ދުވަހުވެސް ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އަވިވީމްގައި ހުރި އިމާރާތަކަށް ހަމަލާދީފައެވެ.

ޣައްޒާއަށް ތާއީދުކުރާ ކަމަށް ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރުﷲ ވަނީ އިއުލާނު ވެސް ކުރައްވައިފައެވެ.

އިސްރާއީލުގެ ދިފާއީ ވުޒަރާއިން ވަނީ ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ލުބުނާނުގެ ދެކުނުން ހިޒްބުالله އިން ދިން ރޮކެޓް ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ އަދަދު ހާމަކޮށްފައެވެ. އެ ހަމަލާތަކުގައި އިސްރާއީލުގެ 427 ގެއަކަށް ވަނީ ގެއްލުންވެފައެވެ.

ލުބުނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގައި ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

comment ކޮމެންޓް