އާމިރާ ކިރަން ވަކިވިޔަސް އަދިވެސް އެއީ އެއް އާއިލާއެއް

ކިރަން ރާއޯ ކުރީގެ ފިރިމީހާ އެކްޓަރު އާމިރު ޚާން އަދި ފިރިހެން ދަރިފުޅު އާޒާދު އާއެކު-- ފޮޓޯ/ދަ ޓެލެގްރާފް އިންޑިއާ

ދެމަފިރިއެއްގެ ގޮތުގައި ދެ މީހުން ވަކިވި ނަމަވެސް ބޮލީވުޑްގެ މަގުބޫލު އެކްޓަރު އާމިރު ޚާނާއި ކުރީގެ އަންހެނުން ކިރަން ރާއޯއަކީ އަދިވެސް އެއް އާއިލާއެއް ކަމަށް ކިރަން ބުނެފިއެވެ.

އާމިރު ޚާނާއި ކިރަންގެ 16 އަހަރުވީ ކައިވެނި ރޫޅިފައިވާއިރު ދެ މީހުންގެ ވަރިވުމަކީ މާ ހަރުކަށި ގޮތަކަށް ނިމިގެންދިޔަ ގުޅުމެއް ނޫންކަމަށް ކިރަން ވަނީ ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

ކިރަން އެކޭ އެއްގޮތަށް އާމިރު ޚާން އެންމެ ފުރަތަމަ ކައިވެނިކުރި ރީނާ ދައްތާއާ ވެސް ވަރަށް އެކުވެރި ގުޅުމެއް އޮންނަކަން އާމިރުގެ އަންހެން ދަރިފުޅު އައިރާ ޚާންގެ ކައިވެނީގެ ހަފުލާގައި ވަނީ ދައްކުވައިދީފައެވެ. އާމިރު ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު އައިރާ ޚާންގެ ކައިވެނީގެ ހުރިހާ ހަފުލާތަކެއްގައި ވެސް ރީނާއާއި ކިރަން އެކީގައި ފެނުނުއިރު އާމިރު ފެނުނީ ކުރީގެ ދެ އަނބިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ޒިންމާދާރު ބައްޕައެއްގެ ގޮތުގައެވެ.

އާމިރު ޚާންގެ ދަރިފުޅު އައިރާގެ ކައިވެނީގެ ހަފްލާގައި ކިރަން އަދި އާމިރުގެ ފުރަތަމަ އަނބިމީހާ ރީނާ--ފޮޓޯ/އިންޓަނެޓް

އިންޑިއާގެ 'ދަ ވީކް'އަށް ދިން އިންޓަވިއުގައި ކިރަން ބުނެފައި ވަނީ، ވަރިވުމަށް ފަހު ވެސް ދެ މީހުންގެ އާއިލާގެ މެންބަރުންނާ ވެސް އޮންނަ ގުޅުމަކީ ވަރަށް ގުދުރަތީ 'ނެޗުރަލް' ގުޅުމެއް ކަމަށެވެ. އެ އެންމެންނަކީ ވެސް އެއް މުޖުތަމައެއްގައި ދިރިއުޅޭ ބަޔަކަށްވެފައި އެއް ބަޔަކު އަނެއް ބަޔަކު ނުރުހުންވެ، ހިތްނުތަނަވަސްވެގެން އުޅެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ފިލްމު ޕްރޮޑިއުސަރު ކިރަން ވަނީ ބުނެފައެވެ.

ކައިވެންޏެއް ރޫޅުމުން އޭގެ މާނައަކީ ދެ މީހުން އެކީގައި ހޭދަކުރި އަގުހުރި ދުވަސްތައް ހަނދާންނައްތާލުން ނޫން ކަމަށާއި ކިރަންއާއި އާމިރަކީ ކައިވެނީގެ މާ ކުރިން ވަރަށް ގާތް ރަހްމަތްތެރިން ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަންއާއި އާމިރު ޚާން އެންމެ ފުރަތަމަ ބައްދަލުވެފައިވަނީ އާމިރު ޚާން އުފެއްދި ފިލްމު "ލަގާން"ގެ ޝޫޓިންގް ތެރެއިންނެވެ. ދެ މީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.

comment ކޮމެންޓް