ލިވަޕޫލުގެ ހުށަހެޅުމަށް އެމްބާޕޭ ދެކޮޅު!

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، ލިވަޕޫލުގެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ނޫސްވެރިޔާ ރުޑީ ގަލޭޓީ ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ ސީޒަނުގައި ޕްރިމިއާ ލީގަށް ކުޅެން ބޭނުންނުވާކަން އެމްބާޕޭ މިހާރު ވަނީ އަންގައިފައެވެ. އެހެންކަމުން ޕީއެސްޖީން ކުޅޭ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗުގެ ކުރިން އެމްބާޕޭ އެ ކްލަބުގައި މަޑުކުރުމަށް ނުވަތަ ރެއާލް މެޑްރިޑާ ގުޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިސީޒަން ނިމުމުން ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަ އިރު، އެ ކްލަބުން ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ.

ރެއާލުން ވެސް ދަނީ އެމްބާޕޭ ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރެއާލުން މަސައްކަތްކުރަނީ ޕީއެސްޖީގެ ކޮންޓްރެކްޓް ނިމުމާއެކު ހިލޭ ޓްރާންސްފާއެއްގެ ދަށުން އެމްބާޕޭ ގެންދިއުމަށެވެ. ނަމަވެސް ޕީއެސްޖީގައި މަޑުކުރުމަށް ނުވަތަ ރެއާލަށް ދިއުމާ މެދު އެމްބާޕޭ އަދި ނިންމުމެއް ނިންމައިފައެއް ނުވެއެވެ.

ޕީއެސްޖީގެ ހުށަހެޅުމަށް އެމްބާޕޭ ދެކޮޅު ހަދައިފި ނަމަ، އޭނާގެ ބަދަލުގައި ގެންނާނެ ކުޅުންތެރިޔަކާ މެދު ވެސް އެ ކްލަބުން ވަނީ ނިންމައިފައެވެ. އެމްބާޕޭގެ ބަދަލުގައި ޕީއެސްޖީން ގެނައުމަށް ނިންމާފައިވަނީ އޭސީ މިލާންގެ ޕޯޗުގަލް ފޯވަޑް ރަފައެލް ލިއާއޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް