ކާރެއް އަނެއްކާ ވެސް ސޯލާ ޕެނަލްތަކުގައި ޖެހި، ގެއްލުންވެއްޖެ

ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓް ވެފައި --

ސިނަމާލެ ބްރިޖް ހައިވޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި، ގެއްލުންތަކެއް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް، ސޯލާ ޕެނަލްތައް ހަރުކޮށްފައިހުރި ދަގަނޑުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިއަދު 12:31 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ކާރާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސޯލާ ޕެނަލްގައި ޖެހުނު ކަޅުކުލައިގެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައެވެ. އަދި ސޯލާ ޕެނަލްތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެ ހާދިސާގައި ސޯލާ ޕެނަލްތަކަށް ދެ ލައްކަ ރުފިޔާގެ ގެއްލުން ވެފައި ވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ކުރީ ސަރުކާރުން ހަރުކޮށްފައިވާ އެ ސޯލާ ޕެނަލްތައް ނަގައި، އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/183800

އެ ޕެނަލްތައް ހަރުކޮށްފައިވަނީ، ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. އެއީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ފެށި މަޝްރޫއެކެވެ.

comment ކޮމެންޓް