ހައިވޭގެ ރީތި މަންޒަރު ގެއްލުވާލާ ސޯލާ ޕެނަލްތައް، ރަށަކަށް ބަދަލުކުރާނަން: މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަރަކާތުގެ ތެރެއިން --

ސިނަމާލެ ބްރިޖު ހައިވޭގައި މި ސަރުކާރުން ހަރުކުރަން ފަށާފައިވާ ސޯލާ ޕެނަލްތައް ނަގާ، އެހެން ރަށަކަށް އެ ޕްރޮޖެކްޓް ބަދަލުކުރައްވާނޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، މާލޭ ސަރަހައްދުން އެންމެ ރީތި މަންޒަރަކަށް ފެންނަނީ ބްރިޖު ހައިވޭގައި ދުއްވާފައި ދާއިރު އެ ފެންނަ މަންޒަރު ކަމަށެވެ. ނަމަވެސް ސޯލާ ޕްރޮޖެކްޓުގެ ސަބަބުން މިހާރު އެ މަންޒަރު ގެއްލި، ހައިވޭ ވަނީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްދު ކުރަނީ އެ ދިގު ރާސްތާގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް އެތަނުން ނަގަން. ނަގާ ރާއްޖޭގައި ކުޑަ އަދި މެދު ސައިޒުގެ އެއްރަށް ނުވަތަ ދެރަށަށް އެއްކޮށް ސޯލާ ޕަވާއިން ހިންގޭ ގޮތަށް އެތަކެތި ގެންގޮސް އެއް ރަށް ނޫނީ ދެރަށް ސޯލަ ޕަވާއިން ހިންގާ ގޮތަށް ބަދަލު ކުރުމަށް، މިތަކެތި މިތަނުން ނަގައިގެން ގެންދިއުމަށް،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސޯލާ ޕަވާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތަށް އެ މަޝްރޫއު ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އިޔާދަކުރުވަނިވި ހަކަތައަކީ މުހިންމު ކަމެއްކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެކަން ކުރަން އެންމެ ރަނގަޅު ގޮތް އޮންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަރަކާތުގެ ތެރެއިން --

މާލެ-ހުޅުމާލެ ލިންކުގައި އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަކީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތެކެވެ. މިއީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ތައިލެންޑްގެ އެންސިސް ކުންފުންޏާއެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ހަތް ވަނަ ދުވަހެވެ.

އެސްޕަޔާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ނިޒާމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން އެކަނި ވެސް ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް