ޝަހާދަތުގެ ދެކަލިމައަކީ ޖަހަންނަމައިން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނަ: ޚުތުބާ

ޝަހާދަތުގެ ދެކަލިމައަކީ ޖަހަންނަމައިން އިންސާނާ ސަލާމަތްކޮށްދޭ އައްޑަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަހާދަތުގެ ދެކަލިމައަކީ ﷲގެ ޢަޒާބާއި އުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަކަމަށް ޚުތުބާގައި ބުނެފިއެވެ.

ޝަހާދަތުގެ ދެކަލިމައާއި ހަޔާތާ ހުރި ގުޅުމުގެ މައްޗަށް މިއަދު ކީ ޚުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމައަކީ ﷲގެ ދިންނެވުމާއި ނިއުމަތުގެ ގޯތި ކަމުގައިވާ ސުވަރުގެއަށް އިންސަނާ ވާސިލް ކޮށްދޭ ވަސީލަތް ކަމަށެވެ. އަދި ހަމަ އެހެންމެ އެއީ އަހަރެމެންގެ ދިރިއުޅުން އޭގެ މަތީގައި ބިނާކުރާ އިސްލާމީ ޝަރީއަތުގެ އަސާސްކަމުގައި ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމައަށް އީމާންވުމަށް ޓަކައި މި ދެކަލިމަ މުސްލިމުންގެ ހަޔާތާ ގުޅިފައިވާ ގޮތްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

""ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނައިގައި ހިތުގެ އަޑިން ގަބޫލުކުރާ މީހާ، މާތްﷲގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެއެވެ. ޝަރީއަތުގެ މި ދެމަސްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަން ކުރާ މީހަކަށް ވާނެއެވެ،" ޚުތުބާގައި ބުންޏެވެ.

ގުރުއާން ކިޔެވުމާއި ހަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގަންނަން ބޭނުންވާ މީހާ ކޮންމެ ދުވަހަކު ތަކުރާރުކޮށް އެކަމެއް ކުރުން މަތީ ދެމިތިބުން މުހިންމުކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓު ގުރުއާން ކިޔަވަން އަދި ފަސް މިނިޓު ހަދީޘް ކިޔަން ހޭދަކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މިގޮތަށް މަހެއްހާ ދުވަސް ހޭދަކޮށްފި ނަމަ އެކަން އިންސާނާގެ ކިބައިގައި އަށަގަތުން ވަރަށް ގާތް ކަމަށާއި މިކަމަށް އާދަވުމުން ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަދުމަދުން އިތުރު ކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުތުތައް އުނގެނުން ވެސް މުހިންމުކަމަށެވެ.

"މި ދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާސްތެރިކަމާއެކު ގަބޫލުކުރުން، ދުލުން ކިޔައި، ހިތުން އިގުރާރުވާން ވާނެއެވެ. އަދި މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމު ވެގެންވެއެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، އަހަރެމެންގެ އަހްލާގީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާ ކުރެވިފައި ވުމަކީ ހަޔާތް ޝަހާދަތުގެ ދެކަލިމައާ ގުޅިފައި ވާކަމުގެ ނިޝާނެއް ކަމަށެވެ.

comment ކޮމެންޓް