ރާއްޖެއަށް ޕާކިސްތާނުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވައިފި

ރައީސް މުއިއްޒު އަދި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް: ދެ ބޭފުޅުން މިއަދު ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ޕާކިސްތާނުގެ އަށްވަނަ ކެއާޓޭކަރު ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް ދެއްވައިފިއެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މިއަދު ހެނދުނު ރައީސް މުއިއްޒަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައެވެ.

މީގެ އިތުރުން، ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ ތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ބައިނަލްއަޤުވަމީ މަޝްރަހުގައި ދެ ޤައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ރައީސް މުއިއްޒާއި ޕާކިސްތާނުގެ އަށްވަނަ ކެއާޓޭކަރު ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައި، އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ޕާކިސްތާނާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 26 ޖުލައި 1966ގައެވެ.

ރާއްޖެއިން ޕާކިސްތާނާ އެކު ގުޅުން ހަރުދަނާކުރަން މަޝްވަރާ ކުރީއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި މަސް އޮޑިއަކަށް ބޭރުގެ ސިފައިންތަކެއް އެރި މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ދިވެހި ސިފައިން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް