ވިޝާމް އަވަހާރަވުމާއެކު ގެއްލުނީ ގާނޫނީ ދާއިރާއަށް ޚިދުމަތްތެރި ޒުވާނެއް: ރައީސް

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ---

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް މިރޭ އަވަހާރަވުމަކީ، ގާނޫނީ ދާއިރާއަށް ޚިދުމަތްތެރި، ތައުލީމީ ޒުވާނެއް ގެއްލުންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އޭނާ އަވަހާރަވުމާ ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ގާނޫނީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ.

"ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެކެވެ. ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެކެވެ،" އެ މަނިކުފާނު އެކްސްގައި ލިޔުއްވިއެވެ.

އެއާއެކު ރައީސް ވަނީ އޭނާގެ އާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ވަކީލުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަރްޙޫމް ވިޝާމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންވައިފައެވެ.

ވިޝާމް އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީއިރު އުމުރުން 39 އަހަރެވެ. ކުއްލި ގޮތަކަށް ވިޝާމް އަވަހާރަވާން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަމެއް ސާފެއްނުވެއެވެ.

comment ކޮމެންޓް