މަޖީލިހުގައި މެމްބަރުން ހިންގި މާރާމާރީ ފުލުހުން ތަހުގީގުކުރަނީ

މަޖިލީހުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން --

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމަން މިދިޔަ އާދިއްތަ ދުވަހު ވޯޓަށް އަހަން ބާއްވަން އޮތް ޖަލްސާގައި މެމްބަރުން ހިންގި މާރާމާރީގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒް ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުންނާއި، އަނިޔާވި މެމްބަރުންކަމަށެވެ.

އެހެންވެ އެ ކަން ބަލަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.

"ވަޒީރުންނަށް ރުހުން ދިނުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި އެ މަޖިލީހުގެ އިދާރާގެ ތެރޭގައި ހިނގައިދިޔަ ބައެއް ހާދިސާތަކާ ގުޅިގެން އެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އަނިޔާވެގެން އަޅުގަނޑުމެންނާ ހަމައަށް މަޖިލީހުގެ ފަރާތުންނާއި އަދި އެ މެމްބަރުންގެ ފަރާތުން އެ މައްސަލަތައް ހުށަހަޅައިފައިވާތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ މައްސަލަތައް ވެސް މި ދަނީ ބަލަމުން،" ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ ބައެއް މެމްބަރުންނަށް އިންޒާރު ދީފައިވުމާއެކު ރައްކާތެރިކަމަަށް އެދި ހުށަހަޅައިފައިހުރި މައްސަލަތައް ވެސް އެބަހުރިކަމަށެވެ.

https://sun.mv/187997

އެހެންވެ އެ މެމްބަރުންނަށް ވެސް ރައްކާތެރިކަން ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާކުރި ޖަލްސާގައި ހަމަނުޖެހުން ހިނގަން ފެށީ، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމުމުންނެވެ.

އެއީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

އެ ނިންމުމާ ގުޅިގެން، ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ މެންބަރުން ޖަލްސާއަށް ހުރަސް އަޅަން ފެށިއެވެ.

އަދި އެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޝަހީމްގެ ބޯފަޅައިގެން ގޮސް، އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މީގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް ބައެއް އަނިޔާތައް ލިބުނެވެ.

comment ކޮމެންޓް