މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮބްޒާވްކުރަން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލައިފިއެވެ.
މިކަމާ ގުޅިގެން އީސިގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފޯމު ހުށަހެޅުން ހުޅުވައިލައިފައި ވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 19ވަނަ ދުވަހުގެ މެންދުރު ފަހު 03:00އާ ހަމައަށް ކަމަށެވެ.
އިންތިޚާބު އޮބްޒާވް ކުރަން އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށާއި ދަރުބާރުގޭގެ ހުންނަ އެ ކޮމިޝަންގެ ރިސެޕްޝަނުންނެވެ.
ދަރުބާރުގެއިން ފޯމް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކުރިއަށް ދާނެއެވެ.
ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
އޮބްޒާވަރަކަށް ވާން އެދޭނަމަ ހުށަހަޅާ ފޯމާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު އީސީގެ ވެބްސައިޓުން ލިބޭނެއެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިއުލާންކޮށް، މިމަހުގެ 21އާ ހަމައަށް އީސީން ޝަކުވާ ހުށަހަޅަން ހުޅުވައިލިއެވެ. އެ ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތަކަށް އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެ އެ ކޮމިޝަނުން ވަނީ ހުޅުވައިލައިފައެވެ.
މަޖިލިސް އިންތިޚާބު މާޗް މަހުގެ 17ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި ވީ ނަމަވެސް އެ ދުވަސް ދިމާވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއާއެވެ.
އެހެންކަމުން ރަމަޟާން މަހު އިންތިޚާބު ނުބޭއްވޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންވެ މަޖިލިސް އިންތިޚާބު އޮންނަ ދުވަސް ފަސްވުމަކީ އެކަށީގެންވާ ކަމެކެވެ.