މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރުމުން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި މީގެކުރިން 2022ވަނަ އަހަރު އިދިކޮޅުން ކުރިއަށްގެންދިޔަ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންތަކެއް އަރައި، ސުވާލު ކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އެރީ އެ ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.

"މި އުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވޭ،" މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން މިނިސްޓްރީން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރައިފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ޔޫނިއަންއިން ބުނި ގޮތުގައި، އިންޑިއާގެ މަނަވަރުގައި ތިބި އެގައުމުގެ ސިފައިން ދޯންޏަށް އަރައިފައިވާ ކަމަށް ޔޫނިއަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލަ އެމްއެންޑީއެފުން މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް