ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ފީފާއިން ދިން 10،000 ޑޮލަރު ވެރިންގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި މައްސަލައަކާއި ކޮވިޑާ ގުޅިގެން އެ އެސޯސިއޭޝަނަށް ލިބުނު 1.9 މިލިއަން ޑޮލަރަށް ވެސް ހިޔާނާތްވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާ ގުޅިގެން މައުލޫމާތު ހާމަކުރަން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ އެފްއޭއެމާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، މިހާތަނަށް ބެލި ބެލުމަށް އެފްއޭއެމްއަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ ފީފާއިން ދިން 10،000 އެމެރިކާ ޑޮލަރު ވެރިއެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރިކަމަށް އެކަށިގެންވާ މިންވަރަކަށް ހެކި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެފްއޭއެމްއަށް ބޭރު ފަރާތްތަކުން ޖަމާކުރާ ފައިސާ ވެރިންގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އަޅުގަނޑުމެން މިދަނީ ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވިއެވެ.
މިގޮތުން، އެ މައްސަލަތަކާ ގުޅޭ ޑިވައިސްތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ޔޫނުސް ލޫތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ޚިޔާނާތުގެ މައްސަލަތަކުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ކަމަށެވެ. އެގޮތުން، ވަކިވަކި ޓްރާންސެކްޝަންތަކުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ތަހުގީގު ފުރިހަމަކޮށް، ދައުވާކުރަން ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ، ފީފާއިން ޖަމާކުރި 10،000 ޑޮލަރުގެ މައްސަލައެވެ.
އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވެއެވެ. އެއީ، ދެ ދިވެހީން ކަމަށާއި ދެ މީހުންގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެއީ ކޮން ދެ މީހުންކަމެއް ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، ކޮވިޑާ ގުޅިގެން އެފްއޭއެމަށް ލިބުނު 1.9 މިލިއަން ޑޮލަރަށް ހިޔާނާތްވި މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ޔޫނުސް ލޫތު ވިދާޅުވިއެވެ.
"އެ ޓްރާންސެކްޝަނާ ގުޅުންހުރި ތަހުގީގުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި އޮއްވައި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުންތަކެއް އިސްތިއުފާ ދެއްވުމާ އެކު ބައްސާމްގެ މަގާމު ގެއްލުނީ މިދިޔަ މަހުގެ ފަހު ކޮޅެވެ.