މިދިޔަ އަހަރު ތެރޭގައި ކާބޯތަކެތީގެ އަގު 6.17 ޕަސެންޓް އުފުލުނު ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގު އުފުލޭ މިންވަރު އަންދާޒާކޮށް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރާ ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސީޕީއައި ވަނީ 2.02 ޕަސެންޓް އިތުރުވެފައެވެ. އެއާ އަޅާބަލާއިރު ނޮވެމްބަރު މަހާ ހަމައަށް ސީޕީއައި އިތުރުވެފައި ވަނީ 2.13 ޕަސެންޓެވެ.
މިދިޔަ މަހު ވެސް، ނޮވެމްބަރު މަހާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު ވަނީ 1.4 ޕަސެންޓް ބޮޑުވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑުވެފައިވަނީ ފިޔާގެ އަގެވެ. އެގޮތުން ފިޔާގެ އަގު 32.11 ޕަސެންޓް ބޮޑުވިއެވެ. އޭގެ އިތުރުން:
- ބިސް: 8.60 ޕަސެންޓް
- ކަންނެލި: 4.32 ޕަސެންޓް
- ފަރުމަސް: 1.12 ޕަސެންޓް
- ހިކަނދި ފަތް: 12.1 ޕަސެންޓް
- ސައިފަތް: 1.09 ޕަސެންޓް
- ގަނޑުކުރި ކުކުޅު: 2 ޕަސެންޓް
ނަމަވެސް، ބައެއް ތަކެތީގެ އަގު ދަށްވެފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ:
- އޮރެންޖް: 10.62 ޕަސެންޓް
- އިނގުރު: 9.72 ޕަސެންޓް
- އާފަލު: 2.81 ޕަސެންޓް
- ދޮންކެޔޮ: 1.73 ޕަސެންޓް
މަހުގެ ބާވަތްތަކަށް ވަކިން ބަލާއިރު، މިދިޔަ އަހަރު ތެރޭގައި އަގު ނުވަ ޕަސެންޓް އުފުލުނެވެ. އަދި ނޮވެމްބަރާ އަޅާބަލާއިރު މިދިޔަ މަހު 1.51 ޕަސެންޓް އިތުރުވިއެވެ. އެ ބަދަލު އައިސްފައިވާ މައިގަނޑު ސަބަބަކީ، ކަންނެއްޔާއި ކަނޑުމަހާއި ވަޅޯމަހާއި ރިހާކުރުގެ އަގު އުފުލުމެވެ.
މިދިޔަ އަހަރު ތެރޭގައި އަގު ބޮޑަށް އުފުލުނު އެހެން ދާއިރާތަކުގެ ތެރޭގައި އިންޝުއަރެންސް އާއި މާލީ ޚިދުމަތްތަކާއި، ރެސްޓޯރެންޓާއި އެކޮމޮޑޭޝަން ޚިދުމަތްތައް ހިމެނެއެވެ. އެ އަހަރުގައި އަގު ދަށްވެފައިވަނީ މައުލޫމާތާއި މުވާސަލާތީ ގުރޫޕުންނެވެ. އެގޮތުން އެ ދާއިރާއިން އަގުތައް 10.56 ޕަސެންޓް ދަށްވެފައިވެއެވެ.