އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ޒަޚަމުވެފައިވާ ކުޑަކުދިންތަކެއް ފަރުވާ ދިނުމަށް އިޓަލީވިލާތަށް ފޮނުވައިފިއެވެ.
އިޓަލީވިލާތުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި އެ ކުދިން އިޓަލީއަށް ގެންގޮސްފައިވަނީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އަދި، ހަނގުރާމަތަކުގައި ޒަޚަމުވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ހަދައިފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމުގެ ދަށުން އިޓަލީވިލާތަށް ގެންދާ ފުރަތަމަ ގްރޫޕެވެ.
އިޓަލީވިލާތަށް ގެންދިއުމުގެ ކުރިން އެ ކުދިން ފުރަތަމަ ގެންގޮސްފައި ވަނީ ޣައްޒާއާއި މިސްރު ގުޅޭ ބޯޑަރު ހުރަސްކޮށް މިސްރަށެވެ.
އިޓަލީވިލާތުގެ އަސްކަރީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވަނީ ފަލަސްތީނަށް އެހީވުމަށް އިޓަލީވިލާތަށް މަގުފަހިކޮށްދިން ކަމަށްޓަކައި މިސްރަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް ފަލަސްތީނަށް އެހީވާނެ ކަމަށް ކްރޮސެޓޯ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 26،000 އަށްވުރެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 60،000 އަށްވުރެ މަތިވެފައެވެ.
ޖުމުލަ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އެ ސިޓީއަށް ބޭނުންވާ އިންސާނީ އެހީ ލިބުން އޮތީ ވަރަށް ބޮޑަށް ދަތިވެފައެވެ. ހަމަލާތައް އެންމެ ވަރުގަދައަށް އަމާޒުކުރަމުން އަންނަނީ ޣައްޒާގެ ހަސްފަތާލުތަކަށެވެ. އެހެންވެ، ޣައްޒާގެ ހުރި ގާތްގަޑަކަށް ހުރިހާ ހަސްފަތާލެއް ވަނީ ބަންދުކުރަން ޖެހިފައެވެ.