ފުވައްމުލަކުގައި ކަރަންޓު ކަނޑާ މައްސަލަ މަޖިލީހަށް

ފުވައްމުލަކު މެދުދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން މުޙައްމަދުދީދީ: ފުވައްމުލަކުގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ފެނަކައިން އިހުމާލުވި ކަމަށް ބުނެ، މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

ފުވައްމުލަކު ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުނުވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފިއެވެ.

ފުވައްމުލަކު މެދުދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން މުޙައްމަދުދީދީ ހުށަހެޅުއްވި މައްސަލައިގައިވަނީ، އެ ސިޓީގައި ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖެންސެޓެއްގައި މިދިޔަ މަހުގެ މެދު ތެރޭގައި މައްސަލަ ޖެހުނު ކަމަށެވެ. އޭގެ ސަބަބުން ފެނަކައިން އަންނަނީ، މިމަހުގެ އެގާރައިން ފެށިގެން އެކި ވަގުތުތަކުގައި ފުވައްމުލަކުން ކަރަންޓު ކަނޑަމުން ކަމަށް އެ މައްސަލައިގައިވެއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ކަށަވަރު ކޮށްދޭންޖެހޭ އެންމެ އަސާސީ އެއް ޚިދުމަތް މެދުކެނޑި، މައްސަލައަށް ހައްލު ނުހޯދި ދިގު މުއްދަތަކަށް ދެމިގެންދިއުމަކީ ފުވައްމުލަކުގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުން ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޮޅުމަސް ހޭދަވެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

"ކަރަންޓުގެ ޚިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރިންވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި، ބޭނުންކުރާ ޖެންސެޓެއް ހުރެމެ، މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެން މެނޭޖެމެންޓުން ކުރަމުންދާ ކަމަކަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫލުކުރަން ދައްޗެވެ." މައްސަލައިގައިވެއެވެ.

އެހެންވެ، ކަރަންޓުގެ މައްސަލަ ހައްލުނުވުމަކީ ފެނަކައިގެ އިހުމާލުންވި ކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކަން ބަލައިދިނުމަށް ހުސެއިން އެދިވަޑައިގަތެވެ.

މިފަހުން ފުވައްމުލަކުގައި ވަނީ ކަރަންޓު ކެނޑުމުގެ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން، ޖެނެރޭޓަރު މައްސަލައިގެ އިތުރުން ޓްރާންސްފޯމަރުތަކެއް ހަލާކުވުމުގެ މައްސަލަތައް ވެސް ދިމާވެފައިވެއެވެ.

އޭގެ ތެރޭގައި، މީގެ ހަ ދުވަސް ކުރިން އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓްރާންސްފޯމަރެއް ހަލާކުވެ، އެ ޓްރާންސްފޯމަރުން ކަރަންޓުދޭ ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލައެއް ހިމެނެއެވެ. މިއަދު ވެސް ޓްރާންސްފޯމަރެއް އޯވާހީޓްވެ ފަޅައިގެން ގޮސް، އެ ޓްރާންސްފޯމަރުން ކަރަންޓުދޭ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

https://sun.mv/188093

ފުވަމުލަކަށް ކަރަންޓު ދޭން, ގދ. ގައްދޫގައި ހުރި ބޭނުންނުކުރާ ފެނަކައިގެ ޖަނަރޭޓަރެއް ގެންދަން އެ ކުންފުނިން މަސައްކަތްކުރިއެވެ. ނަމަވެސް އާންމުން ނުކުމެ ހަމަނުޖެހުން ހިންގައި އެ ޖަނަރޭޓަރު ގެންދަން ހުރަސް އެޅިއެވެ.

ފުވައްމުލަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ދިމާވާ މައްސަލަތަކާ ގުޅިގެން ފެނަކައިން މީގެ ކުރިން ނެރުނު ބަޔާނެއްގައިވަނީ އެފަދަ މައްސަލަތައް ދިމާވަނީ، ނިމިދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރުތަކުގެ މެއިންޓެނަސް މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.

https://sun.mv/187765

އެ ކުންފުނިންވަނީ، އެ މައްސަލަ ހައްލުކުރެވޭ ވަރުގެ ޖަނަރޭޓަރެއް ރާއްޖޭގައި މި ވަގުތު ވިއްކަން ނެތުމުން ގަންނަން ލިބިފައިނުވާ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް