ފުވައްމުލަކު ކަރަންޓު މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރު ހޯދަނީ

ފުވައްމުލަކު ސިޓީ: އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައި -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ކަރަންޓު ލޯޑު ބޮޑުވާތީ ފުވައްމުލައް ސިޓީން ކަރަންޓު ކަނޑައިލަން ޖެހޭ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް 1200 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ އިތުރުން އެހެން ރަށެއްގައި ހުރި ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ 800 ކިލޯވޯޓުގެ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވެ، މައިގަނޑު ބައިތަކެއް ހަލާކުވެފައިވާ ކަމަށެވެ. އެހެންވެ، ހަލާކުވި ޖަނަރޭޓަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް 1200 ކިލޯވޯޓްގެ ޖަނަރޭޓަރެއް ހޯދުމަށް ރޭވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޖަނަރޭޓަރު ހަލާކުވުމުގެ ސަބަބުން ކަރަންޓު އުފެއްދޭ މިންވަރު 4000 ކިލޯވޯޓަށް ދަށްވެފައިވާ ކަމަށާއި މީގެ ކުރިން 4850 ކިލޯވޯޓުގެ ކަރަންޓު އުފެއްދޭ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ކަރަންޓަށް ދިމާވާ މައްސަލަ ހައްލުކުރެވޭ ވަރުގެ ޖަނަރޭޓަރެއް ރާއްޖޭގައި މި ވަގުތު ވިއްކަން ނެތުމާ އެކު ގަންނަން ލިބިފައިނުވާ ކަމަށެވެ.

ފެނަކައިން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަންޖެހުނީ ހޫނު ދުވަސް ވަރަަކަށްވާތީ މި މަހުގެ 11އިން ފެށިގެން ކަރަންޓުގެ ލޯޑު މަތިވާތީ ކަމަށެވެ. މިފަދަ މައްސަލަތައް ދިމާވަނީ ނިމިދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރުތަކުގެ މެއިންޓެނަސް މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ފެނަކައިން ތުހުމަތު ކުރެއެވެ.

https://sun.mv/187729

މިކަމާ ގުޅިގެން ފުވަމުލަކު ސިޓީ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް އަސްލަމް ރަޝީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް މެންދުރު ކުރީގެ ވަގުތުތަކުގައި ރަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭ ކަމަށެވެ.

"އާންމުކޮށް ރަސްމީ ދުވަސްދުވަހު ރަސްމީ ތަންތަނުގައި ރަސްމީ ގަޑިތަކުގައި ކަރަންޓު ލިބޭނެ. ދެން އާންމުކޮށް ރޭގަނޑު ގަޑީގައި މަގުތަކުގައި ހުންނަ ލައިޓުތައް ވަކި އިރެއްވަންދެން އާންމުކޮށް އެންމެ ލޯޑު ބޮޑުވާ ގަޑީގައި މި ހުންނަނީ ނިއްވައިލާފައި. ދެން ފަހުން ގާތްގަނޑަކަށް 10 ޖަހަންވާއިރަށް ކޮންމެ ވެސް ވަރަކަށް މި ހުންނަނީ ލޯޑު ވެއްޓިފައި،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް