ފުވައްމުލަކު ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓްރާންސްފޯމަރެއް ފަޅައިގެން ގޮސް، އެ ޓްރާންސްފޯމަރުން ކަރަންޓުދޭ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
މިކަމާ ގުޅިގެން އެ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޅައިގެން ގޮސްފައިވަނީ އެ ސިޓީގައި ބަަހައްޓާފައިހުރި 800 ކިލޯވޯޓުގެ ޓްރާންސްފޯމަރެއް ކަމަށެވެ.
މި ކަމުގެ ސަބަބުން އެ ސިޓީގެ މިސްކިތްމަގު އަވަށުން ބަޔަކާއި މާދަނޑު އަވަށުގެ ބަޔަކުން ކަރަންޓު ކެނޑިފައިވާކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫއިން 1000 ކިލޯވޯޓުގެ ޓްރާންސްފޯމާއެއް ފުވައްމުލަކަށް ގެންދިޔުމުގެ މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން، މިރޭގެ ވަގުތެއްގައި 1000 ކިލޯވޯޓްގެ ޓްރާންސްފޯމާ އިންސްޓޯލްކޮށް ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ބުންޏެވެ.
މިފަހުން އެ ސިޓީއަށް ވަނީ ކަރަންޓްގެ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން، ޖެނެރޭޓަރު ސެޓު ނުވަތަ ޖެންސެޓެއްގައި މައްސަލަ ޖެހުމުން ކަރަންޓުގެ ލޯޑު ބޮޑުވާތީ ގިނަ ދުވަސްތަކެއް ވަންދެން އެކި ގަޑީގައި ކަރަންޓު ކެނޑިއެވެ.
މީގެ ހަ ދުވަސް ކުރިން އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ޓްރާންސްފޯމަރެއް ހަލާކުވެ، އެ ޓްރާންސްފޯމަރުން ކަރަންޓުދޭ ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ.
އެފަދަ މައްސަލަތައް ދިމާވަނީ ނިމިދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރުތަކުގެ މެއިންޓެނަސް މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ފެނަކައިން ބުނެފައިވެއެވެ.