ނަޝީދު ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވައިފި

ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޒަމާނީ ޑިމޮކްރަސީ ދިވެހި ރާއްޖެއަށް ގެނެސް ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވައި މިއަދު އެކަން އިއުލާން ކުރައްވައިފިއެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މަނިކުފާނު ސިޔާސީ އެކި މަސައްކަތުގައި އުޅުއްވާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އެ މަސައްކަތުގައި ގިނަ ބަޔެއްގެ އެހީތެރިކަން ލިބުނު ކަމަށާއި، އެ މަނިކުފާނުގެ ވާދަވެރިންނާއި ފުރައްސާރަކޮށް މަލާމާތް ކުރާ ހަތުރުވެރިންނަކީ ވެސް އެ މަނިކުފާނުގެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ދެކޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންވެ، އެ އެންމެންނަށް ވެސް ޝުކުރުވެރިވާ ކަމަށް އެ މަނިކުފާނުގެ ބަޔާނުގައިވެއެވެ.

"މިއަދު އަޅުގަނޑު މި ލިޔާ ބަޔާނުގެ ބޭނުމަކީ، އަހަރުތަކަކަށް އަޅުގަނޑު ސިޔާސީ މަސައްކަތުން ދުރުވާކަމަށް ދެންނެވުމެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރާނެ ވާހަކަ ދެންނެވުމެވެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް ކުރެއްވީ، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ފައްކާކުރުމަށާއި ރާއްޖެއަކީ އިސްލާމީ އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިކަންކަން މިހާރު ވަނީ ކުރިއަށް ވުރެން މާބޮޑަށް އަށަގަނެފައެވެ." ބަޔާނުގައިވެއެވެ.

އެ މަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އަނިޔާއާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ލިބިފައިވާ ކަމާއި، އެގޮތުން ޖަލުގެ އަނިޔާއާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރަން ޖެހުނުކަން ނަޝީދު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އާއިލާއާ ދުރުގައި އުޅެން ޖެހި، ޒާތީ ހަޔާތް ބަރުބާރުދުވާ ހިސާބަށް ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން، އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާގެ ސަބަބުން ފުރާނައަށް ނުރައްކާވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް މި މަސައްކަތުގައި އަޅުގަނޑު ނުހަނު އުފާވެރިކަމާއި ހިތްހަމަ ޖެހުންވެސް ލިބިފައިވެއެވެ. އަޅުގަނޑުގެ ބޮލުގައި އެޅިދިޔަ ކޮންމެ މަޅިއެއް ވަނީ މާފައްޗަކަށް ބަދަލުވެފައެވެ. މި ކަމަށްޓަކައި އަޅުގަނޑު މާތް ރަސްކަލާނގެއަށް އިންތިހާއަށް ކުށްތަންވަމެވެ. ޝުކުރު ދަންނަަވަމެވެ." ބަޔާނުގައިވެއެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު ރާއްޖޭގެ ރައީސްކަމާއި މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރެއްވުމުގައި ވާނީ ވީ މިންވަަރަކުން ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ. އެގޮތުން ރައީސްކަމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ނިޒާމެއް ގާއިމުކުރުމަށާއި ޓެކްސްގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ދެކަން ވެސް ކޮންމެވެސް ވަރަކަށް ފުރިހަމަވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ތަރައްގީގެ ނަމުގައި ފަރުތަކާއި ތިމާވެއްޓަށް ގެއްލުންދެނެވި ކަންކަން ހިނގާކަމީ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެކަން އިސްލާހު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެއާއެކު އެ މަނިކުފާނުވަނީ، 2009 ވަނަ އަހަރު ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް މިހާރު އެ މަނިކުފާނު އެއްބަސްވެވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ. އެ ޖަމާއަތުގެ ވަޒީފާގައިހުރެ، ރާއްޖެއަށް ޚިދުމަތް ކުރެވޭނެ ކަމަށާއި އަންނަ ޖެނުއަރީ މަހު އެ މަގާމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދު ފުރަތަމަ މަޖިލިސް މެންބަރުކަން ކުރެއްވީ 1999 ވަނަ އަހަރެވެ. އެ މަނިކުފާނުގެ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އެތައް ދުވަހެއް ހޭދަ ކުރައްވަން ޖެހި، ބޮޑެތި އަނިޔާތަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

އޭގެ ފަހުން 2005ގައި ނަޝީދު އެމްޑީޕީ އުފައްދަވައި، އޭގެ ދެ އަހަރު ފަހުން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތެވެ. ނަމަވެސް ދައުރު ނުނިމެނީސް ކޯލިޝަން ރޫޅި، އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެ މަނިކުފާނު އިސްތިއުފާ ދެއްވިއެވެ.

ދެހާސްތޭރައިގައި ވެސް ނަޝީދު ރައީސް ކަމަށް ވާދަކުރެވި ނަމަވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 2015ގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެ ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވުމަށް ފަހު ޖެނުއަރީ 2016ގައި ނަޝީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އޭގެ ފަހުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގަތީ، އެ މަނިކުފާނުގެ ތާއިދާއެކު އިންތިޚާބުވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައެވެ.

ނަމަވެސް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، އެމްޑީޕީ ބައިބައިވިއެވެ. އަދި މިދިޔަ ޖެނުއަރީ މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަ ކުރައްވައި ނަޝީދު ނާކާމިޔާބުވިއެވެ.

އެއަށްފަހު ޕާޓީގެ އެތެރޭގެ ކޯޅުން އިތުރަށް ގޯސްވެ އެ މަނިކުފާނަށް ތާއިދު ކުރާ މެންބަރުންތަކެއް އެމްޑީޕީން ވަކިވެ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށިއެވެ. އެމްޑީޕީގެ ބާރު އަލުން ހޯއްދަވާނެ ކަމަށް ވިދާޅުވެ ޕާޓީގައި ހުންނެވުމަށް ފަހު އެ ޕާޓީން ނަޝީދު ވަކިވެވަޑައިގަތީ ޖޫން 21ގައެވެ.

އެ މަނިކުފާނުގެ އިސްކޮށް ހުންނަވައި ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު، އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބުނީ ހަތް ޕަސެންޓް ވޯޓެވެ.

އެ އިންތިޚާބަށް ފަހު، ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ދުރުކުރަން އެމްޑީޕީން ކުރަމުންދިޔަ މަސައްކަތް ވަރުގަދަ ކުރުމުން އެ މަނިކުފާނު އެ މަގާމުން މިދިޔަ މަހުގެ 13ގައި އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް