ކައުންސެލް ޖެނެރަލްގެ ލަފަޔަކީ ތިން ވަޒީރުންގެ ނަން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް: އެމްޑީޕީ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔަކީ ރުހުން ނުދިން ވަޒީރުންގެ ނަން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް ކަމަށް އެ ޕާޓީން ބުނޭ -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އިއްޔެ މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. ނަމަވެސް، ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ އެ ތިން ބޭފުޅުން ނަން އަނެއްކާވެސް މަޖިލީހަށް ފޮނުވުމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، ގާނޫނު މާނަ ކުރައްވަން ތިއްބަވާ ބޭފުޅުންނާ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ބިގޭ ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި އޭނާ ވެސް ބައިވެރިވިކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ، ރުހުން ނުލިބުނު ވަޒީރުންގެ ނަން އަނބުރާ ނުފޮނުވޭނެ ކަމަށް ކައުންސެލް ޖެނެރަލް ވަރަށް ސާފުކޮށް ވިދާޅުވި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ގާބޫލެއް ނުކުރަން ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައެއް އަލުން އެ ނަންތައް މަޖިލިސްއަށް ފޮނުވުން އެއީ،" ބިގޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: ފިލްޒާގެ ލަފަޔަކީ، މަޖިލީހުން ރުހުން ނުދޭ ވަޒީރުންގެ ނަން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް ކަމަށް އެމްޑީޕީން ބުނޭ --- ފޮޓޯ/ މަޖިލިސް

އެ މައްސަލައިގައި އެމްޑީޕީގެ ޕީޖީން އިތުރަށް މަޝްވަރާކޮށް، ކުރިއަށްދާނެ ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ތުޅާދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާނޫނު އަސާސީ ބައްޓަންކޮށްފައި އޮތީ ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވާ ގޮތަށް ކަމަށެވެ. ނަމަވެސް މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމުން ފެންނަނީ ގާނޫނު އަސާސީއަށް އިހުތިރާމުނުކޮށް، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ހަމައެއާއެކު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ގާނޫނު އަސާސިގައި ސަރީހަ އިބާރާތުން ވަކި ކަމެއް ނުކުރެވޭނެޔޭ އެހެން ލިޔެފައި ނެތް ކޮންމެ ކަމެއް އެއީ ތިމަންނާމެންނަށް ކުރެވޭނެ ކަމެއް ގޮތަށް ގާނޫނު އަސާސީ މާނަކޮށްގެން ކުރިއަށްދާ މަންޒަރު،" ހިސާން ވިދާޅުވިއެވެ.

ނަމަވެސް ގާނޫނު ނަގަހައްޓަން ޖެހޭނީ ގާނޫނު އަސާސީގެ ރޫހައި ތަރަހައިގެ ތެރެއިން ކަމަށާއި، ރައީސް އައްޔަން ކުރައްވާ ވަޒީރުންނަށް ރުހުން ހޯދުން ގާނޫނު އަސާސީގައި ލާޒިމްކޮށްފައި އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ މިގޮތަށް ޗެކްސް އެންޑް ބެލެންސެސް ތަރުތީބުކޮށްފައި މިއޮތް ނިޒާމުގެ ތެރެއިން އެއް ބާރުން ނުވަތަ ރުހުން ދޭން ޖެހޭ ފަރާތުން އެ ރުހުން ނެތް ކަމަށް ބުނީމައި ހަމަ އަލުން އެ ވުޒާރާތަކަށް އެ ވަޒީރުން އައްޔަން ކުރުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ގާނޫނު އަސާސީސާ އަންޑަމައިން ކުރުން، ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުން،" ހިސާން ވިދާޅުވިއެވެ.

comment ކޮމެންޓް