ފަތުރުވެރިންގެ އަދަދު 12 ޕަސެންޓު ކުރިއެރުމާއެކު މާކެޓުގައި ޗައިނާ ތިންވަނައަށް

ފަތުރުވެރިންތަކެއް އެއާޕޯޓުގައި -- ސަން ފޮޓޯ

މި މަހުގެ 22ވަނަ ދުވަހު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ހަތަރު ވަނައިގައި އޮތް ޗައިނާ, މިހާރު މާކެޓުގެ ތިން ވަނައަށް އަރައިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި 16,529 ފަތުރުވެރިންނާއެކު މާކެޓުގެ ތިންވަނައިގައި ޗައިނާ އޮތްއިރު، 18,111 ފަތުރުވެރިންނާ އެކު ދެވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

އަދި 18,561 ފަތުރުވެރިންނާއެކު އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ.

މި މަހުގެ 22 ވަނަ ދުވަހު މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި އިންޑިއާ ފަހަތަށް ޖައްސައިލުމަށްފަހު ޗައިނާ އޮތީ ހަތަރުވަނަ މާކެޓެއްގެ ގޮތުގައެވެ. އޭރު އެއްވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަދި, ދެވަނައިގައި ރަޝިއާ އޮތްއިރު ތިންވަނައިގައި އޮތީ ޖަރުމަނެވެ.

މި މަހުގެ މިހާތަނަށް މުޅި ޖުމްލަ 174,400 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ، 155,851 ފަތުރުވެރިންނެވެ.

މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއްވަނަ ގައުމަށް ހަދައިދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަނީ ޗައިނާއާއެކު މި ސަރުކާރުން ހެދި އާ އެއްބަސްވުންތަކާ އެކު ކޮވިޑް19 ބަލިމަޑުކަމުގެ ކުރިން ޗައިނާ މާކެޓު އޮތް ހިސާބަށް މި އަހަރު އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް