ރާއްޖޭގައި އަލަށް، ކްލިނިކަލް ސައިކޮލޮޖީން މާސްޓާސް ކޯހެއް އެމްއެންޔޫއިން ފަށަނީ

މާސްޓާސް އޮފް ސައިންސްއިން ކްލިނިކަލް ސައިކޮލޮޖީގެ ކޯހާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްގެ ތެރެއިން --- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ރާއްޖޭގައި ސައިކޮލޮޖީގެ ދާއިރާއިން ބެޗެލާސް އޮފް ސައިންސް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް މާސްޓާސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީގެ ކޯހެއް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ތައާރަފުކޮށް، އެ ކޯހަށް އެޕްލައިކުރުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

އެ ކޯހާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެކަލްޓީއޮފް ހެލްތު އެންޑް ސައިންސްގެ ލެކްޗަރާ މަރިޔަމް ރިފްޝާން ވިދާޅުވީ، މާސްޓާސް ލެވެލްގައި ސައިކޮލިޖީގެ ދާއިރާއިން ކޯހެއް ތައާރަފުކުރީ ސައިކޮލޮޖީން ބެޗެލާސް ނިންމާފައިވާ ދަރިވަރުންނަށް ރާއްޖޭގައި މާސްޓާސް ލެވެލްގައި ކޯސް ހެދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

ސައިކޮލޮޖީގެ ދާއިރާއިން މާސްޓާސް ލެވެލްގެ ކޯސް ހެދުމަކީ މިހާރު ދަތި ކަމެއްކަން ފާހަގަކުރައްވައި ރިފްޝާން ވިދާޅުވީ ނަފުސާނީ ސިއްހަތުގެ ދާއިރާއިން އިތުރަށް މީހުން ތަމުރީނު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ކޯހަށް އެޕްލައިކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 2:00 އަށް ހުޅުވާލެވިފައިވާއިރު، ކޯހުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 11 ގައެވެ.

މާސްޓާސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީގެ ކޯހާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގެ ތެރެއިން --- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ކްލިނިކަލް ދާއިރާގެ މާސްޓާސް ކޯހުގެ ތެރެއިން މިހާރުގެ ދިރާސާތަކުގެ އަލީގައި ނަފުސާނީ ބަލިތަކާ ގުޅުން ހުރި މައުލޫމާތާއި ބަލިތައް ދެނެގަނެވޭނެ ގޮތާއި ބަލިތަކަށް ދޭނެ ފަރުވާ ކިޔައިދޭނެއެވެ.

"މި ޕްރޮގްރާމްގެ އެއް މަގުސަދަކީ ނަފުސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތް ކުރާ ގާބިލު ކުދިންތަކެއް ނެރުން ކަމުގައިވުމުން މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ލިބުމުގެ ފުރުސަތު ވެސް އަޅުގަނޑުމެން މި ކޯހުގެ އަލީގައި ކުދިންނަށް ހޯދައިދެވިގެންދާނެ،" ރިފްޝާން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކޯސް ފުރިހަމަކުރުމަށް ފަހު ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގައި ނަފުސާނީ ފަރުވާ ދެވޭނެ ކަމަށާއި ދާއިރާއާ ގުޅުން ހުރި ދިރާސާތަކާ ޕޮލިސީތައް ހެދޭނެ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: އެ ޔުނިވާސިޓީން މިއަދު ވަނީ ރާއްޖޭގައި އަލަށް ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން މާސްޓާސް ކޯހެއް ތައާރަފްކޮށްފަ- ސަން ފޮޓޯ- އިބްރާހިމް އިފާޒް

"އަޅުގަނޑުމެންގެ އުންމީދަކީ މި ކޯސް ފެށުމާ އެކީ ރާއްޖެގައި ނަފުސާނީ ސިއްހަތުގެ ދާއިރާ އިތުރަށް ފުޅާވެގެން ދިޔުން. އަދި މީހުންނަށް މި ޚިދުމަތްތައް ލިބިދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން،" ރިފްޝާން ވިދާޅުވިއެވެ.

މި ކޯހަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނާނެ ކޯހެއްކަން ފާހަގަކުރައްވައި ރިފްޝާން ވިދާޅުވީ، މިއީ އެލައިޑް ހެލްތު ކައުންސިލާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރީޓީގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށެވެ.

comment ކޮމެންޓް