ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއާން އެމްބާޕޭ، އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ސޮއިކުރުމުގެ ފުރުސަތު ބޮޑު ކަމަށް ލަލީގާގެ ރައީސް ހާވިއާ ޓެބާސް ވިދާޅުވެއްޖެއެވެ.
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހު ހަމަވާއިރު، ރެއާލްއާ އޭނާ ގުޅެން އުޅޭކަމުގެ ވާހަކަތައް ވެސް ވަނީ ގިނަވެފައެވެ. ނަމަވެސް ރެއާލްއާ ގުޅުމަށް ނުވަތަ ޕީއެސްޖީގައި މަޑުކުރުމަށް އެމްބާޕޭ އަދި ނިންމައިފައެއް ނުވެއެވެ.
"އެމްބާޕޭ ރެއާލްއާ ގުޅުމާ މެދު އަހަރެންގެ އުންމީދުތައް ބޮޑު. އެކަަމަކީ މިއީ އަހަރެންގެ އަމިއްލަ ހިޔާލެއް. ރެއާލްގެ މަސައްކަތަށް ބަރާސޯވާން ޖެހޭނީ. ރެއާލުން ވަނީ ޖޫޑް ބެލިންހަމް ގެނެސް އޭނާ ވެސް ތަރިއަކަށް ހަދާފައި. އަދި ވިނީޝިއަސް ޖޫނިއާ ވެސް. އެމްބާޕޭ ރެއާލްއާ ގުޅެން ބޭނުންވާ ނަމަ، އެކަމެއް ފުރިހަމަވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،" ޓެބާސް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.
ލަލީގާގެ ރައީސް ޓެބާސް ވަނީ މީގެ ކުރިން ވެސް ރެއާލުން އެމްބާޕޭގެ ސޮއި ހޯދުމަށް ގޮވާލައްވައިފައެވެ. އަދި, 2022 ވަނަ އަހަރު ރެއާލްގެ ބިޑު ގަބޫލުނުކޮށް، ޕީއެސްޖީގައި މަޑުކުރުމަށް އެމްބާޕޭ ނިންމުމުން ވެސް ޓެބާސް އެކަމަށް ފާޑުވިދާޅުވިއެވެ.
ރެއާލުން އެމްބާޕޭ ގެންދިއުމަށް މަސައްކަތްތައް ކުރަމުންދާ އިރު، ޕީއެސްޖީން ވެސް ދަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ތަކުރާރުކޮށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މީގެ ކުރިން ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ވަނީ ދެކޮޅު ހަދައިފައެވެ.