މި އަހަރުގެ އެންމެ މޮޅު ފިލްމީ ތަރިންނަކީ އާލިއާއާއި ރަންބީރު

ބަތަލާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު މި އަހަރުގެ ފިލްމުފެއަ އެވޯޑް ހަފްލާގައި-- ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އާދީއްތަ ދުވަހުގެރޭ ބޭއްވި 69 ވަނަ ފިލްމު ފެއާ އެވޯޑްގެ އެންމެ މޮޅު ބަތަލާ އަދި ބަތަލުގެ އެވޯޑު އާލިއާ އާއި ރަންބީރު ކަޕޫރު ކާމިޔާބުކޮށްފިއެވެ.

ރަންބީރަށް އެންމެ މޮޅު ބަތަލުގެ އެވޯޑް ފިލްމު "އެނިމަލް"އިން ލިބުނުއިރު އާލިއާއަށް މި ކެޓެގަރީގެ ބަތަލާގެ އެވޯޑު ލިބުނީ މިދިޔަ އަހަރު ކުޅުނު ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އިންނެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިންގެ ތެރޭ ހިމެނޭ އާލިއާއާއި ރަންބީރަށް މީގެކުރިން ވެސް ވަނީ މި ކެޓަގަރީއިން އެވޯޑް ލިބިފައެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވި ފިލްމު ފެއަ އެވޯޑުގައި ފިލްމު "ސަންޖޫ" އަދި "ރާޒީ"އިންނެވެ. މިދިޔަ އަހަރު ވެސް މި ކެޓަގަރީއިން އެންމެ މޮޅު ބަތަލާގެ ފިލްމުފެއަ އެވޯޑު އާލިއާ ހޯދިއިރު މިދިޔަ އަހަރު ގައުމީ އެވޯޑު ވެސް ބަތަލާއަށް ވަނީ ލިބިފައެވެ. މި ދެ އެވޯޑު ވެސް ބަތަލާ ކާމިޔާބުކުރީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫ ބާއީ ކަތިއާވާޅީ"އިންނެވެ.

މި އަހަރުގެ ފިލްމުފެއަ އެވޯޑްގައި ކްރިޓިކުން އެވޯޑު ދީފައިވާ ތަރިން (ރާނީ މުކަރުޖީ، ވިކްރާންތު މަސީ އަދި ޝެފާލީ ޝާހް)-- ފޮޓޯ/އިންޓަނެޓް
މި އަހަރުގެ ފިލްމުފެއަ އެވޯޑްގެ އެންމެ މޮޅު ފިލްމު ކެޓަގަރީ ކާމިޔާބުކޮށްފައި ވަނީ ޑައިރެކްޓަރު ވިނޯދު ޗޯޕްޅާގެ ފިލްމު "ޓްވެލްތު ފެއިލް"އެވެ. މި ފިލްމުން ވިނޯދަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނު އިރު ކްރިޓިކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ދީފައި ވަނީ "ޓްވެލްތު ފެއިލް"ގެ އެކްޓަރު ވިކްރާންތު މަސީއަށެވެ. ކްރިޓިކުން ހޮވާ އެންމެ މޮޅު ބަތަލާގެ އެވޯޑް ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިން ބަތަލާ ރާނީ މުކަރުޖީއަށް ލިބުނުއިރު މި ކެޓަގަރީއިން ބަތަލާ ޝެފާލީ ޝާހްއަށް ވެސް ކްރިޓިކުން ވަނީ އެވޯޑު ދީފައެވެ. ޝެފާލީއަށް އެވޯޑް ލިބިފައި ވަނީ ފިލްމު "ތުރީ އޮފް އަސް"އިންނެވެ.

ރަންބީރު ކަޕޫރުގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމީ ތަރިންގެ ފޯރިގަދަ ހުށަހެޅުންތައް ފެންނާނެ މި އަހަރުގެ ފިލްމު ފެއަ އެވޯޑް ޝޯވް ބެލުންތެރިންނަށް ދެއްކުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ޒީޓީވީއިންނެވެ.

comment ކޮމެންޓް