ފޭކް ސެޓްފިކެޓްތަކެއް ދައުރުވާތީ، ވަޒީފާ ދިނުމުގައި ސަމާލުވުމަށް އެދިއްޖެ

އެމްކިޔުއޭގެ ވެބްސައިޓް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޭކު ސެޓްފިކެޓް ދައުރުވާތީ ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައި -- ފޮޓޯ/ އެމްކިޔުއޭ

ފޭސް ސެޓްފިކެޓްތަކެއް ދައުރުވަމުން ދާތީ، މަތީ ތައުލީމާއި ވަޒީފާ ދިނުމުގައި ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސެޓްފިކެޓްތަކުގައި އެމްކިޔުއޭއިން ޖަހައިދެމުންއައި "ރިކޮގްނިޝަން" ތައްގަނޑު 2016 ވަނަ އަހަރުން ފެށިގެން ޖެހުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް، އެ އޮތޯރިޓީގެ ފޭކް ރިކޮގްނިޝަން ތައްގަނޑެއް ބޭނުންކޮށްގެން އެމްކިޔުއޭގެ މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސަނަދުތަކެއް ފެނިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެފަދަ ކަންކަމަކީ އެ އޮތޯރިޓީގެ މުވައްޒަފުންގެ ހައްގަށް ލިބޭ އުނިކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ އޮތޯރިޓީން ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް ކުރާ މަސައްކަތާ މެދު އާމުންގެ މެދުގައި ސުވާލު އުފެދޭ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި، މި މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްކިޔުއޭއިން މީގެ ކުރިން ބުނި ގޮތުގައި، އެ ތައްގަނޑު ބޭނުންކުރުން ހުއްޓާލަން ނިންމީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީން ޕްރޮގްރާމްތަކަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށް އެ އޮތޯރިޓީގެ ހުއްދަ އާއެކު ހިންގާ ޕްރޮގްރާމްތަކަށް ވާތީވެއެވެ.

comment ކޮމެންޓް