އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހަމަނުޖެހުންތަކާ ހެދި އިއްޔެއިން ފެށިގެން ނުނެގި އޮވެފައި މިއަދު މެންދުރުފަހު ވަނީ ވަޒީރުންނަށް ރުހުންދޭން ވޯޓަށް އަހައިފައެވެ.
އެ ވޯޓުގައި ޖުމުލަ 37 މެންބަރުންގެ ވޯޓުން ސައީދަށް ވަނީ ރުހުން ލިބިފައެވެ. އެކަމަކު، 32 މެންބަރުން ވަނީ އޭނާއަށް ރުހުންނުދޭން ވޯޓު ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިކޮނަމިކް މިނިސްޓަރު ސައީދަށް ރުހުންނުދޭން މަޖިލީހުގައި 43 މެންބަރުން ތިއްބަވާ އެމްޑީޕީންނާއި 13 މެންބަރުން ތިއްބަވާ ޑިމޮކްރެޓްސްއިން ވަނީ ނިންމައިފައެވެ. އެކަމަކު، އެ ދެ ޕާޓީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ވޯޓާ އެކު ސައީދަށް ވަނީ ރުހުން ލިބިފައެވެ.
މިއަދު ރުހުން ނުލިބުނީ ސަރުކާރުގެ ތިން ވަޒީރަކަށެވެ. އެއީ:
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބަންޑާރަނައިބު އަހުމަދު އުޝާމް
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
އެ ތިން ވަޒީރުން ފިޔަވާ ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުންނުދޭން ވިޕެއް ނެރުމާއެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައިފައެވެ. އެކަމަކު، ޖަލްސާއަށް ހުރަސްއަޅާނަމަ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް ރުހުންނުދޭނެ ކަމަށް ބުނުމުން، ފަހުން ވަނީ ވޯޓަށް އެހުމުގެ ފުރުސަތު ދީފައެވެ.
މީގެ އިތުރުން، މިހާރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 23 މެންބަރުންގެ ސޮޔާއެކު އިއްޔެ ޕީޕީއެމް/ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އަދި، މިއަދު އިދިކޮޅު އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ސޮއިހަމަކޮށްފައެވެ.