ޕީއެންސީ ޓިކެޓު ކާމިޔާބުކޮށް ރެޑްވޭވް ސަލީމްގެ ދަރިފުޅު ވެސް މަޖިލީހަށް ވާދަކުރަނީ

ރެޑްވޭވް ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލް --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތޚާބަށް ސަރުކާރު ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން އިއްޔެ، ޕީޕީއެމް/ޕީއެންސީން ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް ރެޑްވޭވް ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލަށް މުލަކު ދާއިރާގެ ޓިކެޓު ލިބިއްޖެއެވެ.

އިއްޔެ ބޭއްވި ކޯލިޝަންގެ ޕްރައިމަރީގައި ސަލީމްގެ ދަރިފުޅު ނައުފަލު ޓިކެޓު ކާމިޔާބުކުރެއްވީ 596 ވޯޓުންނެވެ. އެއީ މުލަކުން 246 ވޯޓާއި ކޮޅުފުށިން 117 ވޯޓާއި ނާލާފުށިން 73 ވޯޓުގެ އިތުރުން މާލޭގައި ހުރި އެ ދާއިރާގެ ފޮށިން 160 ވޯޓު ލިބިގެންނެވެ.

ސަލީމް ވެސް ވަނީ އޭދަފުށީ ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވިއިރު، ކުރިއަށް އޮތް އިންތިޚާބުގައި ދެބަފައިން ވާދަކުރައްވާނެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއާ ނުލައި 13 ބޭފުޅަކަށް ކަށަވަރުވީއިރު، އިއްޔެ ޕްރައިމަރީ ބާއްވާފައިވަނީ 73 ދާއިރާއަކަށެވެ. 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރި އިރު އޭގެ ތެރެއިން 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.

ނަމަވެސް ކާމިޔާބުވީ އެންމެ އަންހެން ކެންޑިޑޭޓަކަށެވެ. އެއީ މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ.

https://sun.mv/187938

އިއްޔެގެ ޕްރައިމަރީގައި ކުރީގެ ގިނަ މެންބަރުންތަކެއް ވެސް ޓިކެޓް ކަށަވަރުކުރެއްވިއެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ހިމެނެއެވެ.

comment ކޮމެންޓް