އަލްޖީރިއާގެ ގައުމީ ކޯޗަކަށް ޒިދާން ހަމަޖައްސަން މަސައްކަތްކުރި!

ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން -- ފޮޓޯ/ ގެޓީ

އަލްޖީރިއާ ގައުމީ ޓީމުގެ ކޯޗަކަށް ޒައިނުއްދީން ޒިދާން ހަމަޖެއްސުމަށް މަސައްކަތްކުރި ކަމަށް ރިޕޯޓުކޮށްފިއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފަސޭހަ ގްރޫޕެއްގައި ހިމެނުނު ނަމަވެސް، އަލްޖީރިއާއަށް އެންމެ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ދެ މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވުމާއެކު އެޓީމު ނިންމާލަން ޖެހުނީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

އެއާއެކު އަލްޖީރިއާއިން ވަނީ އެޓީމުގެ ކޯޗަކަށް ހުރި ޖަމާލް ބެލްމާދީ، މަގާމުން ވަކިކޮށްފައެވެ.

ފްރާންސްގެ ނޫހެއް ކަމަށްވާ "އެލް އިކުއިޕް" އިން ރިޕޯޓުކުރާ ގޮތުގައި ޒިދާންގެ މައިންބަފައިން، އަލްޖީރިއާއަށް ނިސްބަތްވާތީ އޭނާ ގެނައުމަށް އަލްޖީރިއާއިން ހުށަހެޅުމެއް ހުށަހެޅިއެވެ.

ނަމަވެސް އުމުރުން 51 އަހަރުގެ ފްރާންސްގެ ލެޖެންޑް ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލާފައި ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.

ދެ ފަހަރެއްގެ މަތިން ރެއާލް މެޑްރިޑާ ހަވާލުވެ، 2021 ވަނަ އަހަރު އެ ކްލަބު ދޫކޮށްލުމަށްފަހު، ޒިދާން ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެއެވެ.

ބްރެޒިލާއި އެމެރިކާގެ ހުށަހެޅުންތައް ވެސް ޒިދާން ގަބޫލުކޮށްފައި ނުވާ އިރު، އޭނާ ހުރީ ފްރާންސްގެ ގައުމީ ޓީމާ ހަވާލުވުމަށް އެކަމުގެ އިންތިޒާރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޒިދާން ވަނީ ރެއާލްގެ ކޯޗުކަމާ ހަވާލުވި ދެ ފަހަރު ވެސް އެ ކްލަބަށް ރަނގަޅު ކާމިޔާބެއް ހޯދައިދީފައެވެ. އެގޮތުން 2016 އިން 2018 އަށް ރެއާލްއާއެކު ޒިދާންގެ 70.47 ޕަސަންޓުގެ މޮޅުވުމުގެ ރެކޯޑެއް އޮތް އިރު، 2019 އިން 2021 އަށް އޭނާގެ އޮތީ 60.53 ޕަސަންޓުގެ މޮޅުވުމުގެ ރެކޯޑެކެވެ.

ޒިދާން ވަނީ ރެއާލަށް ދެ ސްޕެނިޝް ލަލީގާ އަދި ތިން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް