ރަސްމާލެއަކީ އަޅުގަނޑު ހިޔާލުކޮށްފައި އޮތް މަޝްރޫއެއް: ޔާމީން

ޔާމީން އަދި ރައީސް މުއިއްޒު: ޔާމީން ވިދާޅުވީ ރަސްމާލެއަކީ އެ މަނިކުފާނު ހިޔާލު ކުރައްވާފައި އޮތް މަޝްރޫއެއް ކަމަށް -- ފޮޓޯ/ އަވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ މުހިއްމު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއު ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ، އެ މަނިކުފާނު ވެސް ހިޔާލު ކުރައްވާފައި އޮތް މަޝްރޫއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ލީޑަރުކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު، ޔާމީން ގެންދަވަނީ ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕީއެންފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ޕޯޑިއަމްގައި ވާހަކަދެއްކެވި ބޭބޭފުޅުންނަށް ސުވާލުތައް އަމާޒުކުރައްވަމުން ޔާމީން ވެސް ވަނީ އެ މަނިކުފާނުގެ ބައެއް ހިޔާލުފުޅުތައް ހިއްސާކުރައްވައިފައެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް އެންމެ ދަތިވާ އެއް ކަމަކީ ބޯހިޔާވަހިކަން ނެތުންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މި ސަރުކާރުން ރަސްމާލޭގެ ނަމުގައި ފައްޓާފައި އޮތް މަޝްރޫއާ މެދު ސުވާލު ނުއުފައްދާ ކަމަށެވެ.

"ރަސްމާލޭގެ ނަމުގައި މަޝްރޫއެއް ފެށިގެން އެބަދޭ. އެއީ، އަޅުގަނޑު ވެސް ހަމަ ހިޔާލުކޮށްފައި އޮތް މަޝްރޫއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާގައި: ވިދާޅުވީ ރަސްމާލެއަކީ އެ މަނިކުފާނު ހިޔާލުކުރެއްވި މަޝްރޫއެއް ކަމަށް -- ފޮޓޯ/ ޕީއެންއެފް

އެކަމަކު، ޔާމީން ވިދާޅުވީ އެ މަނިކުފާނު ވިސްނުންފުޅު ބެހެއްޓެވީ ހުރިހާ ކަމެއް ހުއްޓައިލާފައި އެ މަޝްރޫއު ކުރިއަށް ގެންދަން ނޫން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ވެސް ބައިވަރު ހުސްބިންތައް އެބަހުރި ކަމަށެވެ. އަދި، އިތުރު ބިންތައް އުފެއްދޭނެ ގޮތްތައް ވެސް އެބަހުރި ކަމަށާއި މާލެއިން ބިން ހުސްކުރެވޭނެ ގޮތްތައް ވެސް އެބަހުރި ކަމަށެވެ. އެހެންވެ، ޔާމީން ވަނީ ސަރުކާރަށް އެންމެ ޚަރަދު ކުޑަވާނީ މުޅިން އާ ސަހަރެއް ހިއްކައިގެން އެ ތަނުގައި މީހުން އާބާދުކުރަންތޯ ނޫނީ މިހާރު ވެސް ހުޅުމާލެއާއި މާލޭގައި ހުރި ބިންތަކުގައި އުސްކޮށް އިމާރާތްކުރުންތޯ ސުވާލު އުފައްދަވައިފައެވެ.

"މާލެއާއި ހުޅުމާލޭގައި މިހާރު ހުރި ބިންބިމުން މި މަސައްކަތް ފައްޓައިފި ކަމަށްވަންޏާ، ދައުލަތަށް މުޅިން އާ ސަހަރެއް ހިއްކައިގެން މި ކަން ކުރުމަށް ވުރެ ޚަރަދު ކުޑަވާނެތޯ،" ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ޒުވާނަކާ ޔާމީން ސުވާލު ކުރެއްވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން އެ ތަނުގައި މީހުން އާބާދުކުރުމަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެެވެ. ރައީސް މުއިއްޒު މި ފަހުން ވަނީ ރަސްމާލެއާއި މާލެ ގުޅުވައިލާނީ ކަނޑު އަޑީގެ ޓަނަލަކުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު، ރައީސް މުއިއްޒާއި އަބްދުއްރަހީމް: ޔާމީން ވިދާޅުވީ ޖެހުނު މައްސަލައިގެ ތަފުސީލަށް ނުދެވެނީ ބަންދެއްގައި ހުންނެވުމުން ކަމަށް -- ސަން ފޮޓޯ/ މާހިލް އާތިފް

މީގެ އިތުރުން، ޔާމީން ރޭ ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގައި އިސްކޮށް ތިއްބެވި ބޭފުޅުންނާ ދޭތެރޭ ނުގުޅުންތަކެއް އެބަހުރި ކަމަށެވެ. އަދި، އެއީ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އާންމު މެންބަރުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ޕީޕީއެމްގައި ޕީއެންސީގައި ވޯޓުލާން އެ ތިބަ މީހުންނަކީ ހަމަ ރައީސް ޔާމީން ދެކެ ލޯބިވާ އަދި އަޅުގަނޑު އެ ބަޔަކު ދެކެ ލޯބިވާ ރައްޔިތުން،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރާއި އެ މަނިކުފާނާ ދެމެދު ޖެހުނު މައްސަލައިގެ ތަފުސީލަށް ނުދެވިގެން އުޅުއްވަނީ މީޑިއާގައި ވާހަކަދެއްކުމުގެ ފުރުސަތު ނޯންނާތީ ކަމަށެވެ.

ކުރިން 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ގޭބަންދުގައި މި ވަގުތު ބޮޑެތި ލުއިތަކަކާ އެކު ޔާމީން ހުންނެވި ނަމަވެސް އެ މަނިކުފާނު އަދި ބަންދުން ވީއްލިފައެއް ނުވެއެވެ.

ހައިކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައި، ހުކުމާ ހަމައަށް ވާސިލުވި ފަހުން ވެސް ދެ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އެކަމަކު، އަދިވެސް ހުކުމް ކުރާނެ ދުވަހެއް ނޭނގެއެވެ.

comment ކޮމެންޓް