ދެވަނަ ފިޔަވަހީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލް އިސްލާމިކްގެ ސެލްފް ސާވިސް އާ ބޭންކިން ސެންޓަރެއް ހުޅުމާލޭގެ ދެވަނަ ފޭސްގައި ހުޅުވައިފި -- ސަން ފޮޓޯ/އިންފިނިޓް މޮމެންޓްސް/މުހައްމަދު މާވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ، އާ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވައިފިއެވެ.

ވިނަރެސް ޓަވަރު އަށެއްގައި ގާއިމުކުރި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާ އެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، މި ނެޓްވޯކް ފުޅާކޮށް ޒަމާނީ ޙީދުމަތްތައް ލިބިގެންދާ އޭޓީއެމް ސެންޓަރެއް ހުޅުމާލޭގެ ފޭސް ދޭއްގައި ހުޅުވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލުން ދެވަނަ ފިޔަވަހީގައި ހުޅުވި އޭޓީއެމް ސެންޓަރު - ސަން ފޮޓޯ/އިންފިނިޓް މޮމެންޓްސް/މުހައްމަދު މާވީ

އަދި، މި ވަގުތު ވެސް ތިން އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރު ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކޮށް ކަސްޓަމަރުންނަށް ޙިދުމަތްދެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. މި އަހަރުގެ ތެރޭގައި އެ ކުންފުނީގެ ޙިދުމަތް އިތުރަށް ފުޅާކޮރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ހިމެނޭ ބޭންކިން ވިއުގަޔާ އެކު 20 އަތޮޅުގައި 38 ބްރާންޗު، 81 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ ރައްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި, ހިޔާ ފުލެޓު ސަރަހައްދުގައި ބީއެމްއެލްގެ އޭޓީއެމެއް ނެތުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މީގެ ކުރިން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް