ކަރެކްޝަންސްގެ ލޯންޗު ހަލާކުވެގެން، ނައީމާގެ މަރުގެ މައްސަލައިގެ ދެ އަޑުއެހުމެއް ކެންސަލް

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް

ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، ނ. މަނާދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ އަހަރުގެ އޭޕްރީލް ހަތެއްގައި ފެނުނު ނާއީމާ މޫސާގެ މަރުގެ މައްސަލައިގައި މިއަދު ހެނދުނަށް ތާވަލުކުރި ދެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ،

  • ނ. މަނަދޫ ވިނަރެސް، ޙަސަން ފަވާޛު
  • ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު،
  • ނ. މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސް

އެ މައްސަލައިގައި ތިން މީހުންގެ މައްޗަށް ވެސް ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އަދި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ އަބްދުލްވާހިދު ރިފާސްގެ މައްސަލައެވެ. އެއަށް ފަހު، 11:00 އަށް ތާވަލުކޮށްފައި އޮތީ ހަސަން ފަވާޛުގެ މައްސަލައެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލައިގައި މިއަދު ހެނދުނު 9:00 އަށް އަދި 11:00 އަށް ތާވަލުކޮށްފައިވާ ދެ މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ. އެ އަޑުއެހުންތައް ކެންސަލްކޮށްފައިވަނީ ކަރެކްޝަންސްގެ ލޯންޗު ހަލާކުވެ، ޝަރީއަތަށް މީހުން ނުގެނެވިގެން ކަމަށް އެ ކޯޓުން ބުންޏެވެ.

https://sun.mv/175900

ނައީމާ މަރައިލުމަށް ފަހު، ބޭނުންކުރި ވަޅިއާއި އެހެން ތަކެތި އެ ރަށު ނާމަގު ސަރަހައްދުގައި ވަޅެއް ކޮނެ، އަންދާ އެ ތަކެތި ނައްތާލުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނައީމާ ދިރިއުޅެމުންދިޔަ ގޭގައި އޭނާ ރަހުމުކުޑަ ގޮތަކަށް މަރައިލުމަށް ގާތިލުން ނުކުމެގެން ގޮސްފައިވަނީ ދޮރު ތަޅުލާފައި ކަމަށް ތަހުގީގަށް މީގެ ކުރިން ވަނީ އެނގިފައެވެ. އެހެންވެ، ނައީމާގެ ހަށިގަނޑު ނުފެނި 40 ގަޑިއިރެއްހާއިރު ވިއެވެ.

ޕްރެސިކެއިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނީ މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް ނައީމާ މަރައިލަން މެދުވެރިވީ ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.

މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވި އަހްޒަމް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ހަމައެއާއެކު ފަވާޒް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

comment ކޮމެންޓް