އިސްރާއީލު ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި ދެމެދު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމަ ދެ މަސް ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް ހުށަހަޅައިފިއެވެ.
އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުގެ ހަނގުރާމައާބެހޭ ކޮމެޓީން ހުށަހަޅައިފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އަސީރުން މިނިވަން ކުރުމަށް ޑިސެމްބަރު މަހު ވެސް ހަފުތާއެއްގެ މުއްދަތަށް ހަނގުރާމަ ވަނީ މެދުކަނޑައިލައިފައެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހަނގުރާމަ މެދުކަނޑައިލުމަށް އޭގެ ފަހުން ވެސް އެތައް ފަހަރަކު އިސްރާއީލުން ވަނީ ހަމާސްއަށް ހުށަހަޅައިފައެވެ. ނަމަވެސް ހަމާސްއިން ބޭނުންވަނީ ހަނގުރާމަ އެއްކޮށް ހުއްޓައިލުމަށެވެ.
އިސްރާއީލުން ހުށަހަޅައިފައިވާ ހުށަހެޅުމަކީ ދެ ފަރާތުން ރަހީނުކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް އެކި މަރުހަލާތަކަށް ބަހައިލައިގެން ކުރިއަށް ގެންދިއުމަށް ހުށަހަޅައިފައިވާ ހުށަހެޅުމެކެވެ. ހަމާސްގެ ބެލުމުގެ ދަށުގައި 130 އަށްވުރެ ގިނަ އިސްރާއީލު އަސީރުން އެބަތިއްބެވެ.
އެ ހުށަހެޅުމުގައި ވާގޮތުން އަސީރުން މިނިވަން ކުރުމަށް ކުރިއަށްގެންދާނެ ފުރަތަމަ މަރުހަލާގައި މިނިވަން ކުރާނީ އުމުރުން 60 އަހަރުން މަތީގެ ރަހީނުންނާއި ސިއްހީ ހާލާތު ރަގަޅު ނޫން ރަހީނުންނެވެ. އޭގެ ފަހުން އަންހެން ހަނގުރާމަވެރިން އަދި 60 އަހަރުން ދަށުގެ ފިރިހެން ހަނގުރާމަވެރި ނޫން މީހުންނެވެ. އެއަށް ފަހު އިސްރާއީލުގެ ފިރިހެން ސިފައިން އަދި މަރުވެފައިވާ މީހުންގެ ހަށިތަކެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ވެސް އެއްބަސްވުމުގެ ދަށުން މިނިވަން ކުރަން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް މިނިވަންކުރާނީ ކިތައް ގައިދީންކަން ކަނޑައަޅާނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.