ބަންސާލީގެ ފިލްމުގައި އާލިއާގެ ދެމަފިރިންނާ އެކު ވިކީ

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ވިކީ ކޯޝަލް، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު--ފޮޓޯ/މިސްމާލިނީ.ކޮމް

ތަފާތު ރީތި ލޯބީގެ ވާހަކަތައް ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަލަށް އުފައްދާ ފިލްމުގެ ކާސްޓުންނާ އެކު ފިލްމު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

"ލަވް އެންޑް ވޯ"ގެ ނަމުގައި އުފައްދާ ބަންސާލީ ޕްރޮޑަކްޝަންގެ މި ފިލްމުގެ ލީޑް ތަރިންނަކީ ބަތަލާ އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލްއެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ރިލީޒްކުރަން ނިންމާފައިވާ މި ފިލްމަށް ސޮއިކުރިކަން ވިކީ ކޯޝަލްގެ އިތުރުން ރަންބީރުގެ ދެމަފިރިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ސަންޖޭގެ ކޮންމެ އުފެއްދުމަކީ ވެސް ޖާދޫއިން ފުރިގެންވާ އުފެއްދުންތަކެއް ކަމުން ފިލްމު "ލަވް އެންޑް ވޯ"ވެސް ވެގެންދާނީ މިފަދަ ޖާދޫ ދައްކުވައިދޭނެ ލޯބީގެ ރީތި ފިލްމަކަށް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

ފިލްމު "ލަވް އެންޑް ވޯ"އަކީ ރަންބީރާއި އާލިއާ އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. މީގެ ކުރިން ސަންޖޭއާ އެކު ފިލްމު "ގަންގޫބާއި"ގައި މަސައްކަތް ކުރި ބަތަލާ ވަނީ ވިކީ ކޯޝަލްއާ އެކު ވެސް ކުރިން މަސައްކަތް ކޮށްފައެވެ. ނަމަވެސް މި ފިލްމަކީ ވިކީއާއި ސަންޖޭ އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.

ބަތަލާ އާލިއާ ބަޓް ފިލްމު 'ގަންގޫބާއީ'ގެ ޕޯސްޓަރެއްގައި-- ފޮޓޯ/އިންޓަނެޓް

ފިލްމުގައި ސޮއިކުރިކަން އިއުލާނުކޮށް ވިކީގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ ސިނަމާގެ ދުނިޔޭގައި ދާއިމަށް ދުށް ހުވަފެން ހަގީގަތަކަށްވެއްޖެ ކަމުގައެވެ. ވިކީ އެކޭ އެއްގޮތަށް ސަންޖޭއާ އެކު މަސައްކަތް ކުރުމުގެ ހުވަފެނަކީ އާލިއާ ބަޓް ވެސް ފިލްމީ ދާއިރާއާ ގުޅުމުގެ މާކުރިން ދުށް ހުވަފެނެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އާލިއާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު "ގަންގޫބާއީ"އަކީ ބަތަލާއަށް ގައުމީ އެވޯޑް ކާމިޔާބުކޮށްދިން ފިލްމު ކަމަށްވުމުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަކީ އާލިއާއަށް ވަރަށް ހާއްސަ މީހެކެވެ. މި ފިލްމާ ބެހޭ ތަފުސީލު ސިއްރު ކުރެވިފައިވާއިރު ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމަށް ޒުވާން އާ ލިޔުންތެރިން ހޯދަމުން އަންނަކަން ސަންޖޭ ވަނީ ދާދިފަހުން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް