އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅު ކައުންސިލްތަކާ ހަވާލުކުރަން މި ސަރުކާރުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ނަމަވެސް އެއީ ނިމުނު ސަރުކާރުން ފަށާފައި އޮތް ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު، ރައީސް މުއިއްޒަށް މިއަދު ރައްދުދެއްވައިފިއެވެ.
އަލަަށް އިންތިޚާބުވި މާލެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ކަމެއް ކަމަށެވެ.
އެގޮތުން، އަތޮޅު ފިހާރަތަަކަށް ލިބޭ އާމްދަނީ ކުރިން އަތޮޅު ފިހާރަތަކާ ހަވާލުކޮށްފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެކަން ކުރަން ފަށާނީ މި ސަަރުކާރުން ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ.
ރައީސަށް ރައްދު ދެއްވަމުން އަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީން ސަރުކާރާއި ހަވާލުވިއިރު، 2014 ވަނަ އަހަރަށް ފަހު އަތޮޅު ފިހާރަތަކަށް ލިބުނު އާމްދަނީ، ކައުންސިލްތަކާ ހަވާލުކޮށްފައިނުވާ ކަމަށެވެ.
އެހެންވެ، އެންމެ ފުރަތަމަ އެ ސަރުކާރުން ވަނީ ކުރިން ނުދެވި ހުރި އެ އާމްދަނީ 2019 އަހަރުން ފެށިގެން އަތޮޅު ކައުންސިލްތަކަށް ދީފައިކަމަށް އަމީރު ވިދާޅުވިއެވެ. އެއަށް ފަހު، 2022 ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެހާސް ބާވީސްވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމެވީ ކުރިން %50 ދެމުން އައި އާމްދަނީގެ ބަދަލުގައި ލިބޭ އާމްދަނީ އެއްކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް. އެ ނިންމެވުމާ އެކު 2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން އައީ އަތޮޅު ފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަމުން،" އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ އިތުރުން، ވެހިކަލްތަކުން ލިބޭ ފީ ވެސް އެ ވެހިކަލެއް ދުއްވައި ރަށެއްގެ ކައުންސިލަށް ލިބޭ ގޮތަށް މިދިޔަ ސަރުކާރުގައި ނިންމާފައިވާ ކަމަށެވެ.
މާލޭގައި ހިންގާ އަތޮޅު ފިހަރާތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް އަތޮޅު ކައުންސިލްތަކަށް ދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައި، 2022 ވަނަ އަހަރުގެ މެއި މަހު އއ. އުކުޅަހުގައި ކައުންސިލްތަކާ އެކު ކުރިއަށް ގެންދިޔަ ވިއަވަތި ކޮންފަރެންސްގައި އެކަން އިއުލާނުކުރެއްވިއެވެ.