މަޓީގެ ހުށަހެޅުމާ ދެކޮޅަށް ދިވެހި ފަންނާނުން އަޑުއުފުލަން ފަށައިފި

ބައިސްކޯފުން ހުޅުމާލޭގައި ކުރިން ބޭއްވި ޗަނާޗާ ޝޯޯޯ ގައި ދިވެހި ފަންނާނުން:

ބިދޭސީ މިއުޒިޝަނުންނަށް ވޯކް ވިސާ ހަމަޖައްސައިދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ން ސަރުކާރަށް ހުށަހަޅައިފައިވާތީ، ދިވެހި މިއުޒީޝަނުން އެ ކަމާ ދެކޮޅު ހަދައި، މަޓީއަށް ރައްދުދީފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީޕަލް ފަސްޓް އެޗްއާރު ކޮންސަލްޓެންސީން ކުރި ދިރާސާއެއްގެ އަލީގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޓީން ވަނީ ކަރުދާހެއް ތައްޔާރުކޮށްފައެވެ.

އެގޮތުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އިތުރުވަމުން އަންނާތީ 2027 ވަނަ އަހަރާ ހަމައަށް 78،087 މުވައްޒަފުން ބޭނުންވާކަމަށް ފާހަގަކޮށް، ރިސޯޓުތަކުގައި ޕާފޯމްކުރުމަށް ބޭނުންވާ އަދަދާ ގާތަށް ވެސް ދިވެހި ފަންނުވެރިން ލިބެން ނެތް ކަމަށް މަޓީން ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް ހައްލު ހޯދުމަށް އެ ޖަމިއްޔާއިން އެދެނީ ބޭރުގެ މިއުޒީޝަނުންނާއި, ޕާފޯމަރުން އަދި އެންޓަޓެއިނަރުންނަށް ވޯކް ވިސާ ދިނުމަށެވެ.

މި ހުށަހެޅުމަށް ރައްދުދީ، ރާއްޖޭގެ މިއުޒީޝަންސް އެސޯސިއޭޝަނުން ބުނީ ރިސޯޓުތަކުގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބޭނަމަ، ދިވެހި ފަންނުވެރިން ތިބޭނީ އަބަދު ވެސް ތައްޔާރަށް ކަމަށެވެ.

"ލޯކަލް ޓެލެންޓް ނެތޭ ބުނުމަކީ ހަގީގަތެއް ނޫން. ލޯކަލް އާޓިސްޓުންގެ އަދަދު ގިނަ، އެ މީހުންގެ އަގު ދަށްކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން،" އެސޯސިއޭޝަނުން ބުންޏެވެ.

މިކަމާ ގުޅިގެން، ބައެއް ދިވެހި މިއުޒީޝަނުންގެ އަމިއްލަ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެގޮތުން، ޑީޓިއުން ބޭންޑުގެ ވޯކަލިސްޓު ފެޒު ވަނީ ދިވެހި ފަންނުވެރިން މިހާ ދަށު ދަރަޖައަކަށް ވައްޓައި ނުލުމަށާއި ދަރިންނާއި ދަރިންގެ ދަރިންނަށް ޓޫރިޒަމް އިންޑަސްޓްރީން މަންފާކުރުން މުހިއްމުކަމަށް ގޮވައިލައިފައެވެ.

ކުރީގެ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް އެކްސްގައި ވަނީ މި ހުށަހެޅުމާއި ގުޅޭގޮތުން ނުރުހުން ފާޅުކުރައްވައިފައެވެ.

"ދިވެހި ފަންނާނުންނަށް ކުރިއަށް ދެވޭނީ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ފުރުސަތު ލިބިގެން،" ޔުމްނާ ވިދާޅުވިއެވެ.

މިކަމުގެ އިތުރުން، މަޓީން ވަނީ ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު 30 ޕަސެންޓަށް ދަށްކޮށް ދިނުމަށާއި، ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކުރުމަށް ވެސް އެ ކަރުދާހުގައި ހުށަހަޅާފައެވެ.

މަޓީގެ ހުށަހެޅުންތަކާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

comment ކޮމެންޓް