އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފޮޓޯއާއި ވީޑިއޯގެ ޒަރިއްޔާއިން މުޅި ދުނިޔެއަށް ގެނެސްދެމުންދިޔަ ފޮޓޯޖާނަލިސްޓް މުޢުތާޒް އަޒައިޒާ ޣައްޒާއިން ނުކުމެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާއިން އޭނާ ދާނީ ގަތަރަށެވެ.
މުޢުތާޒު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނީ، އެއީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެއީއޭނާ ފެންނާނެ އެންމެ ފަހު ދުވަސް ކަމަށެވެ.
"ނަމަވެސް އުންމީދަކީ އަވަހަށް އެނބުރި އައިސް، ޣައްޒާ އާރާސްތު ކުރަން އެހީވުން،" އޭނާ ބުންޏެވެ.
View this post on Instagram
ފަލަސްތީނަށް އުފަން އުމުރުން 24 އަހަރުގެ މުޢުތާޒު ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ސަމާލުކަން ހޯދީ ޣައްޒާގެ ހަނގުރާމައިގެ ހާލަތު ކިޔައިދީ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކާއި ވީޑީއޯތަކުންނެވެ. މުޢުތާޒު ބޮޑަށް ފާހަގަވެފައި ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރަށް ތާޒާކޮށް ގެނެސްދޭ ނޫސްވެރިއެއްގެ ގޮތުގައެވެ.
ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ސޯޝަލް މީޑިއާގައި އެތައް މިލިޔަން ބަޔަކު އަންނަނީ މުޢުތާޒު ފޮލޯކުރަމުންނެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް އެކައުންޓު ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 27،500އިން 18.25 މިލިއަނަށް އަރައިފައެވެ. މުޢުތާޒުގެ ފޭސްބުކް އެކައުންޓު ފޮލޯ ކުރާ މީހުންގެ އަދަދު 500،000 އަރައިފައިވާއިރު، އޭނާގެ އެކްސް އެކައުންޓު އެއް މިލިއަން މީހުން ފޮލޯކުރެއެވެ.
އެތައް ބައެއްގެ ލޯބި ލިބިފައިވާ މުޢުތާޒަށް ގިނަ ބަޔަކު އަންނަނީ ޝުކުރުގެ މެސެޖު ފޮނުވަމުންނެވެ.