އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 183 މީހުން މިއަދު މިނިވަން ކުރަނީ

އިސްރާއީލުގެ ޖަލުގައި ބަންދުކޮށްފައިހުރި ފަލަސްތީނުގެ ގައިދީއަކު މިނިވަންކުރުމުން އުފާ ފާޅުކުރަނީ. ފޮޓޯ/ރޮެއިޓާސް

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 183 ގައިދީން މިއަދު މިނިވަން ކުރުމަށް ނިންމައިފިއެވެ.

"މާދަމާ ދޫކޮށްލަން ހަމަޖެހިފައިވާ ގައިދީންގެ އަދަދަކީ 183." ފަލަސްތީނުގެ ޕްރިޒަނާސް ކްލަބްގެ ތަރުޖަމާނު އަމާނީ ސަރާނޭހު އިއްޔެ ބުނެފައިވެއެވެ.

އިސްރާއީލުން މީގެކުރިން ބުނެފައި ވަނީ ޖަލުތަކުން މިނިވަން ކުރާނީ 90 މީހުންކަމަށެވެ.

މިއަދު ދޫކޮށްލަން ހަމަޖެހިފައިވާ ގައިދީންގެ ދެ ލިސްޓެއް ޕްރިޒަނާސް ކްލަބުން ވަނީ އާންމުކޮށްފައެވެ. ފުރަތަމަ ލިސްޓުގައި ހިމެނެނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ދިން ހަމަލާގެ ކުރިން ހައްޔަރުކުރި 72 ގައިދީންނެވެ.

މިނިވަން ކުރަން ހަމަޖެހިފައިވާ ގައިދީންގެ ނަންތައް ހިމެނޭ ދެވަނަ ލިސްޓުގައި ހިމެނެނީ ފަލަސްތީނުގެ ޣައްޒާ ހަނގުރާމަ ފެށި ފަހުން ހައްޔަރުކުރި ޣައްޒާގެ 111 މީހުންގެ ނަމެވެ.

ޖެނުއަރީ 19ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ހަމާސްއިން ވަނީ އެމީހުން ރަހީނުކޮށްފައިވާ އިސްރާއީލުގެ 15 ރަހީނުން މިނިވަންކޮށްފައެވެ.

އެއްބަސްވުމުގެ ދަށުން މިއަދު އިސްރާއީލުގެ ރަހީނުންވެސް މިނިވަން ކުރަން ވަނީ ހަމަޖެހިފައެވެ. މިއަދު މިނިވަންކުރަން ހަމަޖެހިފައިވާ އިސްރާއީލުގެ ތިން ރަހީނުންނަކީ ޔާޑަން ބިބާސް އާއި އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ ކޭތު ސީގަލް އާއި ފްރާންސްގެ ރައްޔިތުކަން އޮންނަ އޮފާ ކަލްޑެރޮން ކަމަށް ހޮސްޓޭޖްސް އެންޑް މިސިން ފެމިލީސް ފޯރަމް ކެމްޕޭން ގްރޫޕުން ބުނެފައިވެއެވެ.

އިންގްލިޝް އަރަބިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ގިނައިން މިނިވަންކޮށްފައި ވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް