އިސްރާއީލުގެ އަންހެން ސިފައިންގެ އޮފިސަރެއް މިނިވަންކޮށްފި

ހަމާސްއިން ދޫކޮށްލި އިސްރާއީލުގެ އަންހެން ސިފައިންގެ އޮފިސަރު އަގަމް ބާޖާ -- ފޮޓޯ/ރޮއިޓާސް

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ އަންހެން ސިފައިންގެ އޮފިސަރަކު މިނިވަންކޮށްފިއެވެ.

އަގަމް ބާޖާ ނަމަކަށް ކިޔާ އެ އޮފިސަރުގެ އިތުރުން، އިތުރު އަށް ރަހީނަކު ވެސް މިނިވަން ކުރުމަށް މިއަދު ވަނީ ހަމަޖެހިފައެވެ. އެއީ ތައިލޭންޑުގެ ފަސް މީހަކާއި އިސްރާއީލުގެ ތިން މީހުންނެވެ. އެ އަށް މީހުންގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 110 ގައިދީން ވެސް މިނިވަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަސީރުން ދޫކޮށްލުން ކުރިއަށްދާނީ ޣައްޒާގެ އެކި ހިސާބުތަކުގައި ކަމަށާއި އޭގެ ތެރޭގައި ހަމާސްގެ ކުރީގެ ސިޔާސީ ވެރިޔާ ޔަހްޔާ ސިންވާރުގެ ގެކޮޅުގެ ބޭރު ހިމެނޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ އެއްބަސްވުމުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ހަމާސްއިން ވަނީ ރަހީނުކޮށްފައި ތިބި އިސްރާއީލުގެ އަންހެން ހަތަރު ސިފައިން ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި އިސްރާއީލުން ވަނީ އެ ގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 200 ގައިދީން މިނިވަންކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި ވަނީ މި މަހުގެ 19ވަނަ ދުވަހުއެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 48،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް